އޮޑިޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް އަލުން ނަން ފޮނުވަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނައުމާ ގުޅިގެން އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ސަން އޮންލައިނަށް ވިދާޅުވީ، "އޮޑިޓާ ޖެނެރަލްގެ މަގާމަށް ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލާފައި. އެއީ ހުސް ފިރިހެން ބޭފުޅުން. ޕްރޮސެސް ކުރަމުންދާތީ އިތުރު ތަފްސީލެއް ދެވެން ނެތް،" ކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް ހަތަރު ބޭފުޅަކު ކުރިމަތިލައްވާފައި ވާއިރު އެ މަގާމުގައި މިހާރު ހުންނެވި ނިޔާޒް އިބްރާހީމް ކުރިމަތިލައްވާފައެއް ނުވެއެވެ.

އޮޑިޓް ގާނޫނަށް ގެނައި ބަދަލުގައި ބުނަނީ އެ ބިލް ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލަކު އައްޔަން ކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅެއް ފޮނުއްވަން ވާނެ ކަމަށެވެ.

އާ އޮޑިޓާ ޖެނެރަލަކު އައްޔަންކުރަންޖެހޭ ގޮތަށް ހުށަހެޅި އިސްލާހަކީ ބާތިލް އިސްލާހެއް ކަމަށްބުނެ އެމައްސަލަ ވަނީ އަމިއްލަ ފަރާތަކުން ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ.