އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓްގެ ބަހުސް ފަށައިފި އވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ބަޖެޓުގެ 65 ޕަސެންޓް ހަރަދުވާނީ ރިކަރަންޓް ހަރަދަށް ކަމަށެވެ. އެއީ 15.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރުގެ ބަޖެޓުގެ 26 ޕަސެންޓް ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ސޯޝަލް ސެކިއުރިޓީ އާއި ވެލްފެއާއަށް ބަޖެޓުގެ 13 ޕަސެންޓް ހަރަދުވާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ. ދައުލަތުގެ އޮފީސްތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުން އަށް ޕަސެންޓް ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީ ލަފާކޮށްފައިވެ އެވެ.

ޕީޕީއެމްގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ދެ ވަނަ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 21.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ޖިހާދު ވިދާޅުވި ގޮތުގައި އަންނަ އަހަރު ޓެކްސްގެ ގޮތުގައި 13 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށާއި ޓެކްސް ނޫން ގޮތުގައި 6.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭނީ 1.7 ބިލިއަން ރުފިޔާ ކަމަށް ޖިހާދު ވިދާޅުވި އެވެ.

އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން މަޖިލީހަށް ފަސް ކަމެއް ހުށަހަޅާފައިވެ އެވެ. އެއީ އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އިންޕޯޓް ޑިއުޓީގެ ބައެއް ރޭޓުތައް ރިވައިސް ކުރުމާއި ގްރީން ޓެކްސްގެ ނަމުގައި އާ ޓެކްސްއެއް ނަގަން ފެށުމާއި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އަށް އަންނަ އިންވެސްޓްމަންޓުތަކުން ފީއެއް ނެގުމާއި ބިންވެރި ކުރުމުގެ ޕްރޮގްރާމް ހިންގައިގެން އާމްދަނީ ހޯދުމާއި ޓޫރިސްޓު ރިސޯޓުތައް ހިންގުމަށް 10 ރަށެއް ކުއްޔަށް ދިނުމެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދުމަށް ހުށަހަޅާފައިވާ ކަންކަމާ ގުޅޭ ގޮތުން ބަޖެޓް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން މިހާރު ނަގާ 150 ޕަސެންޓް ޑިއުޓީ 300 ޕަސެންޓަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކާރުން މިހާރު ނަގާ 100 ޕަސެންޓް ޑިއުޓީ ވެސް 150 ޕަސެންޓަށް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ސެންޓަކީ މިހާރު ސުން ޑިއުޓީ ނަގާއެއްޗެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް 10 ޕަސެންޓްގެ ޑިއުޓީއެއް ނެގުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރު ބަޖެޓު 1.3 ބިލިއަން ރުފިޔާއިން ޑެފިސިޓްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ބަޖެޓުގެ ޑެފިސިޓް ފޫބައްދާނީ ބޭރު ފަރާތްތަކުން ލިބޭނެ ކަމަށް ބެލެވޭ 1.1 ބިލިއަން ރުފިޔާ އާއި ބެލެސްޓިކް ފައިނޭންސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރާ 223 މިލިއަން ރުފިޔާއިން ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 2.9 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށާއި އެއީ މިއަހަރު ބަޖެޓްކޮށްފައިވާ އަދަދަށް ވުރެ 32 ޕަސެންޓް އިތުރު އަދަދެއް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.