ރާއްޖޭގެ ކްރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބޭއްވި ހަތް ވަނަ ރިސޯޓް ތަކުގެ ކްރިކެޓް މުބާރާތް ފަސްވަނަ ފަހަރަށް މީރު އިލެންޑް ރިސޯޓް ކާމިޔާބު ކޮށްފި އެވެ.

އިއްޔެ އެކުވެނި އެއްނަންބަރު ދަނޑުގައި ކުރިއަށް ގެންދިޔަ މި މުބާރާތް މީރު އައިލެންޑް ރިސޯޓުން ކާމިޔާބު ކޮށްފައި ވަނީ ފައިނަލްގައި ފޯ ސީޒަންސް (ކުޑަ ހުރާ) އާއި ބައްދަލުކޮށް، 13 ލަނޑުގެ ތަފާތަކުން އެ ޓީމް ބަލިކޮށްގެނެވެ.

މީރު އައިލެންޑް ރިސޯޓުން 10 އޯވަރުގެ ތެރޭގައި 100 ލަނޑު ހަދާފައި ވާއިރު، ކުޑަ ހުރައަށް 10 އޯވަރުގެ ތެރޭގައި ހެދިފައި ވަނީ 87 ލަނޑެވެ.

މި މުބާރާތުގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކުޑަ ހުރާގެ ޖަގަތު އެވެ. އަދި މި މެޗުގެ އެންމެ މޮޅު ބެޓްސްމަނަކަށް ކުޑަހުރާ ރިސޯޓުގެ ޝަޝަންތަ ހޮވިފައި ވާއިރު، މުބާރާތުގެ ދެވަނަ ޓީމަކަށް ހޮވިފައި ވަނީވެސް ކުޑަ ހުރާ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ބެޓްސްމަނަކަށް މުޅިއެކު 76 ލަނޑާއެކު ހޮވިފައި ވަނީ ޖޯން ކީލްސް ރިސޯޓު ގެ ދިނޭޝް ޕެރޭރާ އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު އުކުންތެރިއަކަށް މުޅިއެކު ތިން ވިކެޓާއެކު ހޮވިފައި ވަނީ ސަން އައިލެންޑް ގެ ކްރިޝްނާ އެވެ.

މި މުބާރާތުގައި ހަ ރިސޯޓަކުން ވާދަ ކޮށްފައި ވާއިރު، މުބާރާތުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެ ހެނދުނު 7:30 އިން ފެށިގެނެވެ. 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ މި މުބާރާތުގައި މިފަހަރު ބައިވެރިވެފައިވާ ރިސޯޓްތަކަކީ ލަނޑާ ގިރާވަރު، ޖޯން ކީލްސް، ސަން އައިލެންޑް، މީރު އައިލެންޑް ރިސޯޓް، ކުރުނބާ އަދި ފޯ ސީޒަންސް ކުޑަ ހުރާ އެވެ.