12 Nov 2014, 09:55
މޮސްކޯ (ނޮވެމްބަރ 12): އީރާނުގައި ނިއުކްލިޔާ އިތުރު ދެ ރިއެކްޓަރު ބިނާކުރުމުގެ އެއްބަސްވުމެއްގައި އީރާން ސަރުކާރުން ރަޝިޔާއާއެކު އިއްޔެ ސޮއިކޮށްފި އެވެ.
މި ދެ ރިއެކްޓަރަކީ ވެސް ނިއުކްލިޔާ ހަކަތަ ބޭނުންކޮށްގެން އިލެކްޓްރިކް ކަރަންޓް އުފެއްދުމަށް ބިނާކުރާ ދެ ރިއެކްޓަރު ކަމަށް އީރާނުގެ ނިއުކްލިޔާ ހަކަތައާ ބެހޭ އިދާރާ ބުނެ އެވެ. ރަޝިޔާ އިން އީރާނުގައި މިހާރު ވެސް ނިއުކްލިޔާ ދެ ރިއެކްޓަރު ބިނާކުރުމުގެ މަސައްކަތް ކުރަމުން ގެންދެ އެވެ. އަދި އެއް ރިއެކްޓަރު ބިނާކޮށް ނިންމުމަށް ފަހު ޚިދްމަތްދޭން ވެސް ފަށާފައިވެ އެވެ. ރަޝިޔާ އިން ބިނާކޮށްނިމިފައިވާ އީރާނުގެ ބޫޝަހެރު ނިއުކްލިޔާ ރިއެކްޓަރުން ދެ ހާސް މެގަވޯޓުގެ ކަރަންޓް އުފައްދަމުން ގެންދާއިރު މި ރިއެކްޓަރުވަނީ އީރާނުގެ ކަރަންޓްގެ މައި ވިއުގައާ ގުޅާލާފަ އެވެ.
އީރާނުގައި ނިއުކްލިޔާ އިތުރު ދެ ރިއެކްޓަރު ބިނާކުރުމުގެ އެއްބަސްވުމެއްގައި އީރާނުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ނިއުކްލިޔާ ހަކަތައާބެހޭ އިދާރާގެ ވެރިޔާ އަލީ އަކްބަރު ސާލިހީ އެވެ. ރަޝިޔާގެ ފަރާތުން ސޮއިކުރެއްވީ ނިއުކްލިޔާ ހަކަތައުފެއްދުމާ ބެހޭ ރަޝިޔާގެ ކުންފުންޏެއް ކަމަށްވާ "ރޮސާޓޮމް" ފައުންޑޭޝަންގެ ސީއީއޯ ސަރްގީ ކްރިއެންކޯ އެވެ. "ރޮސާޓޮމް" ކުންފުންޏަކީ ރަޝިޔާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް އަމާޒު ކޮށްފައި ވަނީ އެގައުމަށް ބޭނުންވާ ކަރަންޓްގެ 40 އިންސައްތަ ނިއުކްލިޔާ ހަކަތައިން އުފެއްދުމުގެ މައްޗަށެވެ. މިކަމަށްޓަކައި ނިއުކްލިޔަރ 20 ރިއެކްޓަރު ބިނާކުރުމަށް އީރާނުގެ ނިއުކްލިޔާ ހަކަތައާ ބެހޭ އިދާރާއިން ރާވާފައިވެ އެވެ. އީރާނުގެ ސަރުކާރުގެ ކުންފުންޏަކުން ވެސް ތަޖްރިބާކުރުމުގެ ގޮތުން ނިއުކްލިޔާ ރިއެކްޓަރެއް އަމިއްލަ ޓެކްނޮލޮޖީގައި ބިނާކުރަމުން ގެންދެ އެވެ. ރަޝިޔާ އިން އީރާނުގައި އަލަށް ބިނާކުރާ ނިއުކްލިޔަރ ދެ ރިއެކްޓަރުގެ އަގު 7 ބިލިޔަން ޑޮލަރަށް އަރާކަމަށް ޚަބަރުތައް ބުނެ އެވެ. ރަޝިޔާއިން އީރާނަށް ނިއުކްލިޔަރ ޓެކްނޮލޮޖީ ފޯރުކޮށްދޭ މައްސަލާގައި ހުޅަނގުންދަނީ ކަންބޮޑުވާކަން ހާމަކުރަމުންނެވެ.
ޔުކްރޭންގެ މައްސަލާގައި ހުޅަނގުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްފަހު، ރަޝިޔާއިން އީރާނާއެކު ބާއްވާ ނިއުކްލިޔަރ ގުޅުންތައް އިތުރަށް ބަދަހިކުރަމުން ގެންދާކަން ހުޅަނގުގެ މީޑިޔާއިން ވަނީ ފާހަގަކޮށްފަ އެވެ. (ރޮއިޓާސް)