12 Nov 2014, 09:47
ފޯނުތަކުން ނޮކިއާގެ ނަން ފޮހެލުމަށްފަހު މައިކްރޯސޮފްޓްގެ ފުރަތަމަ ފޯނު ލުމިއާ 530 ދައްކާލައިފި އެވެ.
މައިކްރޯސޮފްޓް ފޯނު ކުންފުންޏެއްގެ ގޮތުގައި ފެށުމަށް، އަގުހެޔޮ ފޯނެއް ދައްކާލާފައިވީ ނަމަވެސް އެ ކުންފުނިން 'ހައި-އެންޑް'، ބޮޑެތި ފޯނުތަކާ ވާދަ ކުރެވޭ ވަރުގެ ފޯނެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.
ލުމިއާ 530 އަކީ އޭގައި ފަސް އިންޗީގެ ކިއުއެޗްޑީ (960X540) ޑިސްޕްލޭ އެއް ހިމެނޭ ފޯނެކެވެ. އެއް ޖީބީގެ ރެމް އެއް ހިމެނޭ އެ ފޯނުގައި 1.2 ގިގަހާޓްސް ކުއަޑް-ކޯ ޕްރޮސެސާއެއް ހިމެނެވެ. ފޯނުގެ ކުރިމަތީގައި އަދި ފަހަތުގައި ވެސް ފަސް މެގަޕިކްސެލްގެ ކެމެރާއެއް ހަރު ކުރެވިފައިވާއިރު އެ ފޯނަކީ "ސެލްފީ" ނަގާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ފޯނެކެވެ.
ވިންޑޯސް ފޯންގެ އެންމެ ފަހު އަޕްޑޭޓާ އެކު އަންނަ އެ ފޯނަކީ ދެ ސިމް އަދި މެމަރީ ކާޑު ސަޕޯޓު ކުރާ ފޯނެކެވެ. ފޯނު ނެރުމަށް ކުންފުނިން ވަކި ތާރީހެއް ކަނޑައަޅާފައި ނުވާއިރު އޭގެ އަގަކަށް މައިކްރޯސޮފްޓުން ބުނެފައިވަނީ 136 ޔޫއެސް ޑޮލަރު ކަމަށެވެ. އެއީ ގާތްގަނޑަކަށް 2100 ދިވެހި ރުފިޔާ އެވެ.
އަގުހެޔު ފޯނެއް ނެރުމަށް މައިކްރޯ ސޮފްޓުން ތައްޔާރުވަމުންދާއިރު އިތުރު ފޯނެއްގެ މަސައްކަތް ކުރިއަށްދާކަމަށް ދޭދޭ ވާހަކަތަކުން އެނގެ އެވެ. ނޮކިއާގެ ސަޕްލައި ފެކްޓްރީއަކުން ލީކުވި މައުލޫމާތުތައް ބުނާގޮތުގައި އެ ފޯނަކީ ލުމިއާ 940 އެވެ. ލުމިއާ 940 އަކީ ގޮރިއްލާ ހަތަރެއް ޕްރޮޓެކްޓިވް ސްކްރީން ފުރަތަމަ ފަހަރަށް ބޭނުން ކުރާނެ ފޯނު ކަމުގައި އެ ލީކުން އެނގެ އެވެ.
ލުމިއާ 940 ގައި ތިން ޖީބީގެ ރެމް އެއް ހަރު ކުރެވިފައިވާއިރު ސްނެޕްޑްރެގަން 805 ޕްރޮސެސާއެއް ހުންނާނެ ކަމަށްވެސް ބުނެފައިވެ އެވެ. 24 މެގަޕިކްސެލް ކެމެރާއެއް ހުންނަ އެ ފޯނުގެ ފްރޮންޓް ފޭސިން ކެމެރާ އަކީ ފަސް މެގަޕިކްސެލްގެ ކެމެރާއެކެވެ. އޮޕަރޭޓިން ސިސްޓަމަކަށް ވިންޑޯސް 10 ބޭނުންކުރާނެ ކަމަށް ބުނާ އެ ފޯނާ މެދު މައިކްރޯސޮފްޓުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.