އޮފީސް އަންހެން މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގެ ތުހުމަތުގައި ވީނިއުސްގެ އެޑިޓަރު މުންޑޫ އާދަމް ހަލީމް ރޭ ހައްޔަރުުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، މާރާމާރީއެއްގެ މައްސަލައިގައި މުންޑޫ އާދަމް ހައްޔަރުކޮށްފައި ވަނީ ރޭ 11:15ގައި ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

ވީޓީވީގެ އަންހެން މުވައްޒަފެއްގެ ގަޔަށް އަތްލައި މަރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހަލީމު މިހާރު ހުރީ އޮފީހުން ވެސް ސަސްޕެންޑް ކޮށްފަ އެވެ.

އޮފީސް އަންހެން މުވައްޒަފަކާ މާރާމާރީ ހިންގި އެ ހާދިސާގެ ވީޑިއޯ ފްޓޭޖެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ އަންހެން ކުއްޖާ ވީޓީވީ ހިންގާ އިމާރާތުގެ ސިޑިން ތިރިއަށް ފައިބައިގެން އަންނަނިކޮށް އާދަމް ހަލީމުއާ ދިމާވާތަނުން އެ ކުއްޖާގެ ގަޔަށް އަތްލައި މަރާމާރި ހިންގައި ސިޑިމައްޗަށް ވައްޓާލާތަން ފެނެ އެވެ.

އާންމު ހިދުމަތުގެ އިނާމު ލިބިފައިވާ ނޫސްވެރިޔާ، އާދަމް ހަލީމު އެ ވަގުތު ހިފެހެއްޓީ ވީ މީޑިއާގެ އެހެން މުވައްޒަފަކެވެ.