12 Nov 2014, 09:14
ބެއިޖިންގް (ނޮވެމްބަރު 12): މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އަފްޣާނިސްތާނުގެ ރައީސް އަޝްރަފް އަބްދުލްޣަނީ ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި އަފްޣާނިސްތާނަށް ސުލްޙަ ގެނައުމުގެ ޚާއްސަ ޕްލޭނެއް ޗައިނާގެ ރައީސް ޝީ ޖިންޕިން ހުށަހެޅުއްވި ކަމަށް ޚަބަރުލިބިއްޖެ އެވެ.
މިޕްލޭންގައި ހިމެނެނީ އަފްޣާން ސަރުކާރާއި ތާލިބާން ޖަމާއަތާ ދެމެދު ސުލްޙައިގެ ވާހަކަތައް އަލުން ފެށުމަށް ޓަކައި ސުލްހައިގެ ފޯރަމެއް ގާއިމް ކުރުމާއި އެފޯރަމްގެ ދަށުން ސުލްހައިގެ ވާހަކަތައް ކުރިޔަށްގެންދިޔުން ކަމަށާއި ޗައިނާގެ ރައީސްގެ މިހުށަހެޅުމަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް އަބްދުލްޣަނީ މަރްހަބާ ވިދާޅުވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އަފްޣާނިސްތާނަށް ސުލްޙަ ގެނައުމަށް ޗައިނާ ރާވާ ޕްލޭންގެ ދަށުން އެކުލަވާލާ ސުލްހައިގެ ފޯރަމްގައި އަފްޣާން ސަރުކާރުގެ މަންދޫބުންނާއި ތާލިބާނުންގެ މަންދޫބުންގެ އިތުރުން ޗައިނާގެ މަންދޫބުންނާއި ޕާކިސްތާނުގެ މަންދޫބުން ވެސް ހިމެނުމަށް ޗައިނާ ހުށަހަޅާފައިވެ އެވެ. އަފްޣާނިސްތާނުގެ މުސްތަގްބަލާ ބެހޭ ގޮތުން ތުރުކީގެ އިސްތަންބޫލްގައި ދާދިފަހުން ބޭއްވި ބައްދަލުވުމުގައި ވެސް މިޕްލޭނާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ރޮއިޓާސް ޚަބަރުދެ އެވެ.
ޗައިނާގެ މިޕްލޭނަށް އަފްޣާން ސަރުކާރުން ތާއީދުކުރާ އިރު މިޕްލޭނާ މެދު ތާލިބާނުން ދެކޭގޮތް ހާމަވެފައެއްނުވެ އެވެ. ޗައިނާއަކީ އަފްޣާނިސްތާނަށް ސުލްޙަ ގެނައުމުގެ އެއްވެސް ހަރަކާތެއް ހިންގުމަށް މީގެ ކުރިން އިސްނަގާފައިވާ ގައުމެއްނޫނެވެ. އެހެންކަމުން އަވަށްޓެރި އަފްޣާނިސްތާނަށް ސުލްޙަ ގެނައުމުގެ ޙަރަކާތްތަކުގައި ޗައިނާ އިސްނެގުމަކީ ސަރަހައްދީ ފެންވަރުގައި ޗައިނާގެ ދައުރު ފުޅާކުރަން އެގަމު ބޭނުންވާކަން ހާމަވެގެންދާ ކަމެކެވެ. އަފްޣާން ސަރުކާރާއި ތާލިބާން ޖަމާއަތާދެމެދު ސުލްޙަ ގާއިމް ކުރުމަށް ޕާކިސްތާނާއި ގަތަރާއި އެމެރިކާއިން ވެސް މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ނަމަވެސް މިއިން އެއްވެސް މަސައްކަތެއް ކާމިޔާބު ވެފައެއްނުވެ އެވެ. އެހެންގައުމުތައް ނާކާމިޔާބުވެފައިވާ ކަމެއް ޗައިނާ އަށް ކާމިޔާބު ކުރެވިދާނެ ކަމާމެދު ސުވާލު އުފެދިފައިވާ އިރު އަފްޣާން ސަރުކާރުން ޗައިނާގެ މިޕްލޭން ބަލައިގަތްކަން ރަސްމީ ސިފައެއްގައި އަދި އިޢްލާންކޮށްފައެއް ނުވެ އެވެ. ޗައިނާގެ ޕްލޭން އިޢްލާންކުރުން އަފްޣާން ސަރުކާރުން މަޑުޖައްސާލާފައި ވަނީ ތާލިބާނުންނާއި ޕާކިސްތާނުގެ ފަރާތުން މިކަމަށް އަދި ޖަވާބެއް ލިބިފައިނުވާތީ ކަމަށް ޚަބަރުތައްބުނެ އެވެ.
މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެމެރިކާ ސިފައިންނާއި ނޭޓޯ ސިފައިން އަފްޣާނިސްތާނުން ފޭބުމާ އެކު އަފްޣާން ސަރުކާރު ވައްޓާލުމަށް ތާލިބާނުން ވަރަށް ހަރުކަށި ކަމާއެކު ތެދުވާނެ ކަމަށްވަނީ ބެލެވިފަ އެވެ. މިފަދަ ޙާލަތެއްގައި ތާލިބާނުންނާ ކުރިމަތިލުމުގެ ގާބިލްކަން އަފްޣާން ސިފައިންނާއި ފުލުހުންނަށް ލިބިފައިވާ މިންވަރާ މެދު ވަނީ ޝައްކެއްގެ ތެރޭގަ އެވެ. އެމެރިކާ ސިފައިންނާއި ނޭޓޯގެ އެތަށް ހާސް ސިފައިންނެއް 13 އަހަރުވަންދެން އަފްޣާނިސްތާނުގައި ހަނގުރާމަކުރި އިރު ތާލިބާން ބަލިކުރުމުގައި އެބާރުތައް ވަނީ ނާކާމިޔާބުވެފަ އެވެ. (ރޮއިޓާސް)