ކަލަމްބޯ ނޮވެމްބަރު11 -- ތިން ވަަނަ ދައުރަކަށް ސްރީލަންކާގެ ރައީސް ކަމަށް މަހިންދާ ރާޖަޕަކްސާ އަށް ވާދަ ކުރެއްވުމަށް ގާނޫނު އަސާސީ އިން ތަން ނުދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، އެކަމަށް ހުރަހެއް ނެތް ކަމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އިރިގޭޝަން މިނިސްޓަރު ނިމާލު ސިރިޕެލާ ޑިސިލްވާއާ ހަވާލާދީ ދަ އެކްސްޕްރެސް ޓްރިބިއުން އިން މިއަދު ބުނީ އަންނަ ޖެނުއަރީ މަހު މަހިންދާ ރާޖަޕްކްސާ ބޭއްވުމަށް ޕްލޭން ކުރައްވަމުން އަންނަ އަވަސް އިންތިހާބު އިއުލާނު ކުރެއްވުމަށް ރާޖަޕަކްސާ އަށް އެއްވެސް ހުރަހެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ އެންގުން ޕާލަމެންޓަށް އަންގަވާފައިވާ ކަމަށެވެ.

"ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ ރައީސް ރާޖަޕަކްސާ އަވަސް އިންތިހާބަކަށް އިއުލާނު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް،" ޑިސިލްވާ ވިދާޅުވި އެވެ.

ދެހާސް ދިހަ ވަނަ އަހަރު، ހަ އަހަރުގެ ދެ ވަނަ ދައުރަކަށް ރައީސް ކަމަށް އިންތިހާބު ވުމާ އެކު ރާޖަޕަކްސާ ވަނީ، ވިދިވިދިގެން އެކަކަށް ދެ ދައުރަށް ވުރެ ގިނަ ދުވަހު ވެރިކަމުގައި ނުހުރެވޭނެ ކަމަށް ބުނާ މާއްދާ ގާނޫނު އަސާސީ އިން ބަދަލުކުރައްވައިފަ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ ގާނޫނު އަސާސީގެ އެ މާއްދާއަށް އަމަލު ކުރެވޭނީ އާ ރައީސަކާ ހިސާބުން ކަމަށެވެ. އަދި އެ މާއްދާ މިވަގުތު ރައީސް ކަމުގައި ހުންނެވި ބޭފުޅެއްގެ މައްޗަށް ނުހިންގޭނެ ކަމަށެވެ.

ރަސްމީ ފަރާތްތަކާ ހަވާލާދީ އޭއެފްޕީ އިން ބުނަނީ ރާޖަޕަކްސާ އުންމީދު ކުރައްވަނީ އޭނާގެ ހަ އަހަރުގެ ދައުރުން ހަތަރު އަހަރު ފުރޭ މި މަހުގެ 19 ވަނަ ދުވަހު އަދި އޭގެ އެއް ދުވަސް ފަހުން އަންނަ އޭނާގެ 69 ވަނަ އުފަން ދުވަހު އިންތިހާބު އިއުލާން ކުރައްވާނެ ކަމަށެވެ.

ދެ ހާސް ނުވަނަ އަހަރު، 37 އަހަރުވީ ވަތަނީ ހަނގުރާމަ ނިމުމަކަށް ގެނައުމުން ލަންކާގެ މެޖޯރިޓީ އޮންނަ ސިންގަޅައިގެން ލޯބި ރާޖަޕަކްސާ ވަނީ ހޯއްދަވައިފަ އެވެ. ނަމަވެސް މިދިޔަ މަހު ބޭއްވި ލޯކަލް އިންތިހާބުގައި ރާޖަޕަކްސާގެ ޕާޓީ އަށް ވަނީ، އޭނާ ވެރިކަމުގައި ހުންނެވި ނުވަ އަހަރުގައި ކުރިމަތި ނުވާ ވަރަށް ތާއީދު ދަށަށް ގޮސްފަ އެވެ. މުރާސިލުން ބުނަނީ ދައުރު ނިމެން އަދި ދެ އަހަރު ކުރިއަށް އޮއްވައި ރައީސް ރާޖަޕަކްސާ އަވަސް އިންތިހާބެއް ބޭއުވުމަށް ބޭނުންފުޅު ވަނީ އެހެންވެގެން ކަމަށެވެ.

ރައީސް ކަމުގެ ދައުރުން ފަހު ދެ އަހަރަށް ވުމުން އިންތިހާބު ބޭއްވުމުގެ އިހްތިޔާރު ގާނޫނު އަސާސީ އިން ރައީސް އަށް ލިބިދެ އެވެ.

ގާނޫނު އަސާސީ އިން ޓާމް ލިމިޓް ނެގުމާ އެކު ރާޖަޕްކްސާ ވަނީ ބާރުތައް އަތަށް ނަންގަވައި ޗީފް ޖަސްޓިސް މަގާމުން ވަކިކުރައްވައިފަ އެވެ. އަދި އެ މަގާމަށް އައްޔަން ކުރެއްވީ އެޓާނީ ޖެނެރަލް އަދި އެެމަނިކުފާނުގެ ގާނޫނީ ވަކީލެވެ.

ބުޑިސްޓް، ދަ ޖުހޫ ނޫނީ ލަންކާގެ ނޭޝަނަލް ހެރިޓޭޖު ޕާޓީ އިން ބުނީ ރައީސް ރާޖަޕަކްސާގެ ވައުދުވެފައިވާ ގޮތަށް ވެސްޓް މިނިސްޓާ ސްޓައިލް ޕާލަމެންޓްރީ ޑިމޮކްރަސީއެއް ގާއިމު ނުކޮށް އިލެކްޝަނަކާ ކުރިމަތިލައްވާ ނަމަ އެ މަނިކުފާނު ބަލި ކުރުމަށް ދެކޮޅަށް ނުކުންނާނެ ކަމަށެވެ. އަދި ބުނީ މާދަމާ ކޮލަމްބޯގައި އެ ޕާޓީގެ ބޮޑު ރެލީއެއް ބާއްވައި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ވާހަކަ އިން ގުގުމާލާނެ ކަމަށެވެ.