ޓީޗަރުންނަށް ޚާއްސަކޮށްގެން މާލޭގައި އަޅާ 10 ބުރީގެ އިމާރާތުގެ މަސައްކަތް 43 މިލިއަން ރުފިޔާ އަށް މާލާ ހައިރައިޒިން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލު ކޮށް، މިއަދު އެގްރިމެންޓްގައި ސޮއިކޮށްފި އެވެ.

މާލާ ހައިރައިޒިން ކޮންސްޓްރަކްޝަން އާއި އެޑިއުކޭޝަން މިނިސްޓްރީ އާ ދެމެދު ވެނުނު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޑރ. އަހުމަދު އަލި މަނިކު ވިދާޅުވީ، އެ އިމާރާތުގެ މަސައްކަތް މާލާ ހައިރައިޒިންއާ ހަވާލުކޮށްފައި ވަނީ އެއް އަހަރާ ނުވަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ. އަދި އެ އިމާރާތުގައި އެއް ކޮޓަރީގެ 18 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 62 އެޕާޓްމަންޓާ އެކު ޖުމްލަ 80 އެޕާޓްމަންޓް ހިމެނޭނެ ކަމަށް ވެސް ޑރ. އަލިމަނިކު ވިދާޅުވި އެވެ.

ފްލެޓްތައް ކުއްޔަށް ދިނުމުގެ އުސޫލާއި އަގުތައް ކަނޑައަޅާނީ އިމާރާތުގެ މަސައްކަތް ނިމެން ކައިރި ވުމުން ކަމަށާއި، ފްލެޓްތަކުގެ އަގު އެހެން ތަންތަނާ އަޅާބަލައިރު ހެޔޮވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލޭގެ މާކެޓުގައި ހުރި އަގަށް ވުރެ ހެޔޮ އަގެއްގައި ޓީޗަރުންނަށް ފްލެޓްތައް ދޫކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން ދެން. ބިދޭސީންނަށް ވެސް ފްލެޓް ދެވޭނެ. އަކަމަކު ވެސް އިސްކަން ދޭނީ ދިވެހި ޓީޗަރުންނަށް." ޑރ. އަލި މަނިކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިމާރާތް އެޅުމަށް ތައުލީމީ ފަންޑުން ޚަރަދުކުރާނީ 30 ޕަސަންޓު ކަމަށެވެ. އަދި އަނެއް ބައި ހަމަޖައްސާނީ ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

"ތައުލީމީ ފަންޑުން ހޭދަކުރާނީ 30 ޕަސަންޓު. ދެން ބާކީ ބައި ލޯނުގެ ގޮތުގައި ބޭންކުން ނަގައިގެން ކުރިއަށްގެންދާނީ. ލޯނުގެ ކަންތައް މިހާރު ވަނީ ހަމަޖެހިފައި،" ކުރީގެ އެމްއީއެސް ކުރިމަތީގައި އޮންނަ 369 ނަމްބަރު ކޮށީގައި އަޅާ އިމާރާތާ ގުޅޭ ގޮތުން ސްޓޭޓް މިނިސްޓާ ވިދާޅުވި އެވެ.

އޮކްޓޯބަރު 14، 2010 ގައި ބިންގާ އެޅި ޓީޗަރުންގެ ފްލެޓުގެ އިމާރާތްކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފައި މިވަނީ އެ ފްލެޓުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އެޑިއުކޭޝަނުން ބުނިތާ ތިން މަސް ދުވަސް ފަހުންނެވެ.