އައްޑޫ ސިޓީ، ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

ތިން މީހަކަށް އަނިޔާވި އެކްސިޑެންޓުގައި މަރުވެފައި ހިތަދޫ، ކަނީރުގެ، މުހައްމަދު އާތިފް، 33 އެވެ.

ފުލުހުން ބުނީ މިރޭ 7:20 އެހައިކަންހާއިރު ހިތަދޫ ބޮޑުމަގު މާހެރެ ކެފޭ ކުރިމަތިން ދުއްވާފައިދިޔަ ދެ ސައިކަލު ޖެހުމުގެ ސަބަބުން ހިނގި އެކްސިޑެންޓްގައި އާތިފް މަރުވީ، އޭނާއަށް ލިބުނު އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި އަނެއް ދެ ފިރިހެނުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެކްސިޑެންޓްވި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓްގެ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.