ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އޭޓީއެމް މެދުވެރިކޮށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ކައިރި މުސްތަގުބަލެއްގައި ތައާރަފް ކުރާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްގެ އައު ޚިދުމަތްތަކެއް ތައާރަފްކުރުމަށް މިއަދު އެ ބޭންކުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑުރޫ ހީލީ ވިދާޅުވީ އެ ޚިދުމަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައި ވަނީ ބޭންކުގެ ހެޑް އޮފީހުގެ ތިރީގައި ކަމަށެވެ.

އޭނާ ވިދާޅުވީ އޭޓީއެމް މެދުވެރިކޮށް ޔޫއެސްޑޮލަރު ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ވެގެންދާނީ ބޭންކުތަކުގެ ކިއޫތަކުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަކަށް ކަމަށެވެ. އެ ކަމުގެ ސަބަބުން ޑޮލަރުގެ މުއާމަލާތް ކުރުމަށް ކަސްޓަމަރުންނަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް އެންޑުރޫ ވިދާޅުވި އެވެ.

ބީއެމްއެލްގެ އައު ޚިދުމަތްތަކެއް ތައާރަފްކުރުމަށް މިއަދު އެ ބޭންކުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ/ ބީއެމްއެލް

އެ ޚިދުމަތަކީ ކަސްތަމަރުންގެ މެދުގައި މަގުބޫލު ޚިދުމަތަކަށް ވެގެންދާނެ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ޑޮލަރު ނެގުމުގެ ޚިދުމަތް ލިބޭ ފުރަތަމަ އޭޓީއެމް ބަހައްޓާނެ ކަމަށެވެ.

ބީއެމްއެލް އިން މިއަދު ވަނީ އޭޓީއެމް މެދުވެރިކޮށް ޑިޕޮސިޓް ކުރުމުގެ ޚިދުމަތާއި ފައިސާ ފޮނުވުމުގެ އިތުރުން ބިލްތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފަ އެވެ.