ހދ. ކުރިނބީގެ ބަނދަރުގެ މަސައްކަތް އެ ރަށު ބަޔަކު ނުކުމެ ހުއްޓުވާފައި ވަނީ، ރައްޔިތުން ބޭނުންވާ ގޮތަށް އެ މަސައްކަތް ސަރުކާރުން ކުރަމުން ދަނިކޮށް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރިބީގެ ބަނދަރު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ 2011 ވަނަ އަހަރު އެވެ. އޭރު އެ ބަނދަރު ހެދުމަށް ސަރުކާރުން ނިންމާފައި ވަނީ ފުޅާމިނުގައި 150 ފޫޓް، އަދި ދިގު މިނުގައި 300 ފޫޓަށެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާހުރެ ބަނދަރުގެ ފުޅާމިން 200 ފޫޓަށް ބޮޑު ކުރަން މި ސަރުކާރުން ނިންމި އެވެ.

ހައުސިން މިނިސްޓަރު "ސަން"އަށް މިއަދު ވިދާޅުވީ އެ މަސައްކަތަކީ ރައްޔިތުން އެދޭ ގޮތަކަށް ކުރަމުން އައި މަސައްކަތެއް ކަމަށާއި ކޮންޓްރެކްޓަރުންނަށާއި އަދި ސަރުކާރަށް ގެއްލުންވާ ގޮތަށް މަސައްކަތް ހުއްޓާލުމަކީ ވަރަށް "ދެރަ" ކަމެއް ކަމަށެވެ.

"ރައްޔިތުން ބޭނުންވާ ގޮތަށް އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންގޮސްފައި އެ އޮތީ. އެ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮއްވާ މި ސަރުކާރުން މަސައްކަތް ފެއްޓީ، ރައްޔިތުން އޭރު އެދުމުން ބަނދަރު އިތުރު ފަންސާސް ފޫޓު ފުޅާކޮށް،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ކުރިނބީ ބަނދަރުގެ މަސައްކަތާ މި ސަރުކާރުން ހަވާލުވިއިރު. އެއްގަމު ތޮށި ޖަހާފައި ހުރި ކަމަށާއި އެހެން ކަމުން އެއްގަމު ތޮށި މިހާރު ނައްޓާލާފައި ވާނެ ކަމަށެވެ.

"އޭރުގައި އެއްގަމު ތޮށި ވެސް ހުރީ ޖަހާފައި. އެއްގަމު ތޮށި ނައްޓާލާފައި ބޭރަށް ފުޅާ ނުކުރެވޭތީ އެއްގަމަށް ފަންސާސް ފޫޓު ކޮނެފަ ބަނދަރު ފުޅާކޮށް ރައްޔިތުން އެދުނު ގޮތަށް މަސައްކަތް ކުރިއަށް ދިޔައީ" މުއިއްޒު ވިދާޅުވި އެވެ.

ކުރިނބީ ބަނދަރުގެ މަސައްކަތް ރައްޔިތުންގެ ބަޔަކު ނުކުމެ ހުއްޓާލުމަކީ ވަރަށް ދެރަ އަދި ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް ވެސް ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ކުރިނބީ ކައުންސިލްގެ ރައީސް އަހުމަދު މުޖްތަބާ ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ބަނދަރު ހެދުމުގެ މަސައްކަތް މިއަދު ހުއްޓުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެ ރަށަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ ކަމަށެވެ.

ކުރިނބީ ބަނދަރު ސަރަހައްދަށް ބޯޑުތަކެއް ހިފައިގެން ތިބި ބަޔަކު މިއަދު ނުކުމެ، މުޒާހަރާ ކުރަން ފެށުމުން އެ ރަށުގެ ބަނދަރުގެ މަސައްކަތް ކުރަމުންދާ ހެވީ ފޯސް ކުންފުނިން ވަނީ އެ މަސައްކަތް ހުއްޓާލާފަ އެވެ. ބޯޑުތައް ހިފައިގެން ތިބި މީހުން ވަނީ ހައުސިން މިނިސްޓަރުގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ.