11 Nov 2014, 19:04
ޓެލްއަވީވް (ނޮވެމްބަރު 11) : އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި އިސްރާއީލު ވަޒަންވެރި ކުރުވައިގެން އުޅޭ ހަރުކަށި ޔަހޫދީންގެ ބަޔަކަށް ޙަމަލާދިން ފަލަސްތީނުގެ ޒުވާނެއްގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލައިފި އެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދު ޖަމާއަތުން ބުނީ ހުޅަނގު އައްސޭރީގައި ފައިހަރުކޮށްލައިގެންއުޅޭ ހަރުކަށި ޔަހޫދީންނަށް ޙަމަލާދިނީ އެޖަމާއަތުގެ މެންބަރެއް ކަމަށާއި އެޙަމަލާއަކީ އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ދެވުނު ފިދާއީ ޙަމަލާއެއް ކަމުގަ އެވެ. މާހިރުލް ހަޝުލްމޫން ނަމަކަށްކިޔާ ފަލަސްތީނުގެ ޒުވާނާ ތޫނު އެއްޗަކުން ޙަމަލާދިނީ ހުޅަނގު އައްސޭރީގެ ދެކުނުގައިވާ ޔަހޫދީ އާބާދީ އެއްގައި ދިރިއުޅޭ ވަޒަންވެރިންގެ ބަޔަކަށެވެ.
އެ ޙަމަލާގައި މަރުވެފައި ވަނީ ފަލަސްތީނުގެ ބިންތަކުގައި އިސްތިއްމާރީ އުސޫލުން ވަޒަންވެރިވެގެން އުޅޭ ޔަހޫދީ އަންހެނެއް ކަމަށް ޚަބަރުތައް ބުނެ އެވެ. އިސްރާއީލުން ވަނީ މިއީ ޓެރަރިސްޓް ޙަމަލާއެއް ކަމަށް ސިފަކޮށް މިޙަމަލާ އަށް ބަދަލުހިފާނެ ކަމުގެ އިންޒާރު ދީފަ އެވެ.
1967 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފި ހުޅަނގު އައްސޭރީގެ ބިންތަކުގައި އިސްރާއީލުން ގެންދަނީ ދުނިޔޭގެ އެކިގައުމުތަކުން ޔަހޫދީން ގެނަސްގެން އެބިންތަކުގައި އެމީހުން ވަޒަންވެރި ކުރުވަމުންނެވެ. މިގޮތުން 1969 ން ފެށިގެން މިހާތަނަށް އަށްލައްކައަށްވުރެ ގިނަ ޔަހޫދީން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުން ވަޒަންވެރިކޮށް އެތަންތަނަކީ އިސްރާއީލުގެ އަވަށްތަކެއް ކަމަށް ނިންމާފައިވެއެވެ. މިގޮތުން ހުޅަނގުގެ އައްސޭރީގެ 20 އިންއިންސައްތަ ބިންވަނީ ޔަހޫދީ އަވަށްތަކާއި އެއަވަށްތަކަށް ނިސްބަތްވާ އިސްރާއީލުގެ ބިންތަކުގެ ގޮތުގައި މިހާރު ހަމަޖައްސާފައެވެ. ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ބޭނުމަކީ އެބިންތައް ދާއިމީގޮތަކަށް އިސްރާއީލުން އަތްދަށުލުމާއި ފަލަސްތީނުގެ މިނިވަންދައުލަތެއް ވުޖޫދަށް އައުމުގެ ފުރްސަތު ނުދިނުމެވެ.
މީގެއިތުރުން ހުޅަނގު އައްސޭރީގެ ބިންތަކުގައި ވަޒަންވެރިކުރުވާ ޔަހޫދީން ގެންދަނީ އެބިންތަކުގެ އަސްލު ވަޒަންވެރިން ކަމަށްވާ ފަލަސްތީނުގެ ރައްޔިތުންނަށް ޖެއްސުންކޮޮށް ފަލަސްތީނުގެ ދަނޑުބިންތައް ހަލާކުކޮށް ކުޑަކުދިންނަށް ބިރުދައްކައި ފަލަސްތީނު ރައްޔިތުންގެ މުދަލާއި ތަކެއްޗަށްވެސް ގެއްލުންދިނުމުގެ ޓެރަރިސްޓް ހަރަކާތްތަކެއްވެސް ހިންގަމުންނެވެ. މިފަދަ އަމަލުތަކަށް އިސްރާއީލުގެ ސަރުކާރުން ގެންދަނީ ލޯމަރާލަމުންނެވެ.
މިޙަމަލާގެ ކުރިން ފަލަސްތީނުގެ ޒުވާނަކުވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވް ގެ ރޭލް ސްޓޭޝަނެއްގައި ވަޅިން ދިން ޙަމަލާއެއްގައި އިސްރާއީލު ސިފައިން ގެ މީހަކު މަރާލާފައެވެ. މި ދެޙަމަލާ ދީފައި މިވަނީ މިދިޔަ ހަފްތާގައި އިސްރާއީލު ސިފައިން ޙަމަލާދީ ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލާފައިވަނިކޮށެވެ. މިދެ ހަމަލާދިން ފަލަސްތީނު ދެމީހުންގެ ތެރެއިން އެކަކު ޝަހީދުކޮށްލައި އަނެއްމީހާ ހައްޔަރުކޮށްފައިވާއިރު އެދެމީހުންގެ އާއިލާތައް ދިރިއުޅޭ ގެތައް ތަޅައި ބިިމާ ހަމަކޮށްލާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ ދެއްވާފައެވެ. (އަލްޖަޒީރާ)