11 Nov 2014, 18:23
ދ. އަތޮޅު ކައުންސިލާއި އެ އަތޮޅު ޒުވާނުންގެ މަރުކަޒުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ދ. އަތޮޅު ބަށި މުބާރާތް މާއެނބޫދޫ ގައި މިއަދު ފަށައިފި އެވެ.
އެ މުބާރާތުގައި ބައިވެރިވަނީ މާއެނބޫދޫ ތިން ޓީމަކާއި ބަނޑިދޫ ދެ ޓީމެކެވެ. އެއީ މުޑި ޖަމިއްޔާގެ ޓީމާއި ޔޫތް އެސޯސިއޭޝަން އޮފް މާއެނބޫދޫ އިނިޝިއޭޓިވް (ޔަމި) ޓީމު އަދި މާއެނބޫދޫ ޒުވާނުންގެ ޖަމިއްޔާ އާއި ބަނޑިދޫ ކައުންސިލް އިދާރާގެ ޓީމަކާއި ބަނޑިދޫ އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ ޓީމެވެ.
މާއެނބޫދޫގައި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ބަށްޓަކީ މިހާރު ދިވެހި ރާއްޖެއިން މަޑުމަޑުން ފަނޑުވަމުންދާ ކުޅިވަރެއް ކަމަށާއި އެ ކުރިއަރުވަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އެ މުބާރާތް ކުޅުމުގެ ބޭނުމަކީ ރަށްރަށުގެ މެދުގައި އިޖުތިމާއީ ހަމަޖެހުން އުފައްދާ އެކުވެރިކަން ވަރުގަދަ ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މުބާރާތުގައި މިއަދު ދެ މެޗެއް ކުޅެން ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބަނޑިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އާއި މާއެނބޫދޫ މުޑި ޖަމިއްޔާގެ ޓީމެވެ. ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ ބަނޑިދޫ ކައުންސިލް އާއި މާއެނބޫދޫ ޔޫތު އެސޯސިއޭޝަން އެވެ. މި މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ މާއެނބޫދޫ މުޑި ޖަމިއްޔާ އެވެ. މެޗުގެ ނަތީޖާ އަކީ މާއެނބޫދޫ މުޑި 28 ލަނޑު ބަނޑިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ 24 ލަނޑު 11 ފޯލި އެވެ.