ޒުވާނުންނާއި ކިޔަވާ ދަރިވަރުން އަދި ލޮބުވެތި އެންމެހާ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ގައުމިއްޔަތުގެ ރޫހު ދިރުވައި އާލާކުރުމުގެ ހިންމަތްތެރި މަސައްކަތްތަކެއް ސާބިތުކަމާ އެކު ކުރެއްވުމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ގޮވާލައްވައިފި އެވެ.

ރާއްޖޭގެ 46 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ އެމްޑީއޭގެ ލީޑަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ލޮބުވެތި ގައުމުގެ ޖުމްހޫރީ ހަޔާތުން އަހަރެއް ނިމި އާ އަހަރަކާ ކުރިމަތި ލުމުގެ މަތިވެރި ފުރުސަތު އަޅުގަނޑުމެންނަށް ދެއްވި ކަމަށް ޓަކައި މާތްﷲ ސުބުހާނަހޫ ވަތައާލާއަށް ހަމްދާއި ޝުކުރު ކުރައްވާ ކަމަށެވެ.

ސިޔާމު ވިދާޅުވީ މި ފުރުސަތުގައި އަޅުގަނޑުމެންގެ ހިތްތަކުގައި އާވެ އާލާކުރަން ޖެހޭ އެންމެ ވަރުގަދަ އެއް ޝުއޫރަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުވެ ތިބުމުގެ ރޫހުކަމަށާއި އެއަށް ފަހު ޖުމްހޫރިއްޔަތެއްގެ އެންމެ ވަރުގަދަ އެއް އަސާސް ކަމުގައިވާ ގައުމިއްޔަތުގެ ރޫހު އެންމެހާ ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި އަަށަގެންނެވުން ކަމަށެވެ.

އެމްޑީއޭގެ ލީޑަރު ވިދާޅުވީ މިފަދަ އުފާވެރި ޖުމްހޫރީ ދުވަހެއްގައި އަޅުގަނޑުމެންގެ ގައުމިއްޔަތާ މެދު ޒިންމާދާރު ފަރާތްތަކުން ފުންކޮށް ވިސްނާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މިރޮނގުން ވިސްނާ ފިކުރުކޮށްލާ އިރު ޖުމްހޫރީ އަސާސެއްގެ ތެރެއިން އަޅުގަނޑުމެން ދަސްކުރި ގައުމިއްޔަތުގެ ރީތި ސިފަތައް މިއަދު ގައުމިއްޔަތުގެ ތެރެއިން ފޮހެލުމަށް ދެކޮޅުވެރި ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެއް" ސިޔާމު ވިދާޅުވި އެވެ. "މިކަމުގައި ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން ފަރުދީ ފެންވަރުގަ އާއި ޕާޓީތަކާއި ކުލަބް ޖަމްއިއްޔާ ޖަމާއަތްތަކުގެ މެދުގައި ވެސް ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ މަތިވެރި އަޒުމް އާކުރެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ."

ދިވެހި ރައްޔިތުން އުފައްދާފައި މިވާ ވެރިކަމަށް އަހަރެއް ފުރެމުން ދާއިރު ދިވެހި ލޮބުވެތި ރައްޔިތުން ބޭނުންވާ ގިނަގުނަ ކާމިޔާބީތަކެއްގެ މިސްރާބު ރައްޔިތުންނަށް ކަށަވަރުވަމުން އަންނަކަން އެމްޑީއޭގެ ލީޑަރު ފާހަގަ ކުރެއްވި އެވެ.

"އަދި މިތެދުވެރި މިސްރާބު ކަތިވިޔަ ނުދިނުމަށް ތެދުވެރިކަމާ އެކު މަސައްކަތް ކުރުމުގައި އަޅުގަނޑު ސާބިތުވެ ހުންނާނެކަން މިފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވަމެވެ." ސިޔާމު ވިދާޅުވި އެވެ.