11 Nov 2014, 16:53
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް އެއް އަހަރު ވެގެންދިޔައިރު ވަޢުދު ފުއްދުމުގެ ތަސައްވަރެއް ވިލަރެސްކޮށްފައި ނުވާ ކަަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގަތުމުން އެމަނިކުފާނުގެ ސަޕޯޓަރުން މަރުހަބާ ވިދާޅުވަނީ--- ސަންފޮޓޯ: ފަޔާޒު މޫސާ
ރައީސް ނަޝީދު އެމެރިކާގެ ފްލޮރިޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މިއަދު ހަވީރު މާލެ ވަޑައިގެން ނޫސްވެރިނާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް އަހަރު ވެގެންދާއިރު ވަޢުދު ފުއްދިފައި ނުވާ ކަން ރާއްޖޭގެ ހުރިހައި ރައްޔިތުން ގަބާލުކުރާ ކަަމަށެވެ. އަދި ވިދާޅުވީ އެއް އަހަރުވެގެން ދިޔައިރު ސަރުކާރަށް ވައުދު ފުދާދެވިފައި ނުވާކަން އެއީ ކަށަވަރު ކަމެއް ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައި ވަޢުދު ފުއްދުމަށް ބޭނުންވާ ތަސައްވަރެއް ވެސް ވިލަރެސް ކުރެވިފައި ނެތް ކަަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން ރާއްޖޭގެ ހުރިހައި ރައްޔިތުން ވެސް ގަބޫލު ކުރައްވާނެ ސަރުކާރުގެ ވަޢުދު ފުއްދުމުގެ ތަސައްވަރެއް ވެސް ވިލަރެސްވެފައި ނެތްކަން. ވަޢުދު ފުއްދިފައިނުވާކަން އެއީ ކަށަވަރު ކަމެއް. އެހެން ނަމަވެސް އެއް އަހަރު ވެގެންދާއިރުގައި އަޅުގަނޑުމެން ދެކެން ބޭނުންވާނެ ވަޢުދު ފުއްދުމަށް ވިލަރެސްކުރެވިފައި އޮންނަ މަޝްރޫއުތަކެއް އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެކަން ވެސް ފެންނާކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.

އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގަތުމުން އެމަނިކުފާނުގެ ސަޕޯޓަރުން މަރުހަބާ ވިދާޅުވަނީ--- ސަންފޮޓޯ: ފަޔާޒު މޫސާ
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރަށް އަހަރު ވެގެންދާއިރު ފެންނަމުންދަނީ ސަރުކާރުގެ ބާރުވެރިކަން ކުޑަވަމުންދާ މަންޒަރު ކަމަށެވެ. މާލެ ތެރޭގައި އަމަން ގެއްލި އާންމު ރައްޔިތުްންގެ ހަށިފުރާނައަށް ނުރައްކާވެފައިވާ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ވަނީ ގޭންގުތަކުގެ ބާރުވެރިކަމުގެ ދަށުގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެންނަމުން ދަނީ ވަރަށް ބޮޑަށް ސަރުކާރުގެ ބާރުވެރިކަން ކުޑަވެފައިވާ މަންޒަރު. މާލޭގެ ތެރޭގައި އަމަން ގެއްލި ވަރަށް ބޮޑަށް އަޅުގަނޑުމެން އާންމު ރައްޔިތުންގެ ހަށިފުރާނައަށް ނުރައްކާވަމުން އަންނަ ތަން. މިހެން ވަމުން އަންނައިރުގައި ވެސް އަޅުގަނޑުމެންނަކަށް ނުފެނޭ މި ހިންގާ ހުރިހައި ޖަރީމަތަކެއް ތަހުގީގުކުރެވި ޝަރީޢަތުގެ ކުރިމައްޗަށް ގެނެވޭ ތަން. ހަމައެއާއެކީގައި އަޅުގަނޑުމެންނަށް ފެންނަމުން ދަނީ އެ މައްސަލަތައް އޮއްބާލެވޭ ތަން. އަޅުގަނޑަށް ލަފާ ކުރެވެނީ މިކަން މިހެން ވެގެން ދަނީ ސަރުކާރު ގޭންގުތަކުގެ ބާރުވެރި ކަމަށް ވެއްޓި ހިސާރުކުރެވިފައިކަން،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އެމެރިކާ އަށް ކުރެއްވި ދަތުރުފުޅަކީ ތިމާވެށި ހިމާޔަތްކުރެއްވުމަށް ގައުމުތަކުގެ ލީޑަރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް، ތިމާވެއްޓާއި ކަނޑުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ "މިޝަން ބްލޫ"އިން ދެމުން އަންނަ "ސިލްވިއާ އާލް މިޝަން ބްލޫ އެވޯޑާ" ހަވާލުވެވވަޑައި ގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.