މާލޭގައި ބީއެމްއެލް އިން ގާއިމްކޮށްފައިވާ އޭޓީއެމްތައް މެދުވެރިކޮށް ލިބޭ އައު ޚިދުމަތްތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތަރާއަފުކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ތައާރަފުކޮށްފައިވާ ޚިދުމަތްތަކަކީ ޒަމާނީ ޓެކްނޮލޮޖީގެ އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ނެގުމާއި ޖަމާކުރުމާއި ސިޓީ އުރާގައި ފައިސާ ޖަމާކުރުމުގެ އިތުރުން އޭޓީއެމް މެދުވެރިކޮށް ޗެކް ޖަމާ ކުރުމުގެ ހިދުމަތެވެ. އަދި މިއަދު ތައާރަފު ކުރި ހިދުމަތްތަކުގެ ތެރޭގައި އޭޓީެއެމް މެދުވެރިކޮށް ޔުޓިލިޓީސް ބިލްތަކަށް ފައިސާ ދެއްކުމުގެ ހިދުމަތް ހިމެނެ އެވެ.

އެގޮތުން އެ ހިދުމަތްތަކާ އެކު މިއަދު ބީއެމްއެލް އިން ވަނީ އެ ބޭންކުގެ މައި ބްރާންޗްގައި އަށް އޭޓީއެމް ބަހައްޓައިފަ އެވެ. އަދި އެ އަށް މެޝިންނާ އެކު މާލޭގެ ފަސް ސަރަހައްދެއްގައި ޖުމްލަ 22 އޭޓީއެމްތަކުން އެ ޚިދުމަތް މިއަދުން ފެށިގެން ލިބެން ހުންނާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް ހެޑްއޮފީސް ހުންނަ ބްރާންޗްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ----- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބީއެމްއެލްގެ އެ ޚިދުމަތްތައް ތައާރަފުކުރުމަށް މިއަދު އެ ބޭންކުގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އެ ބޭންކުގެ ސީއީއޯ އެޑްރޫ ހީލީ ވިދާޅުވީ މިއަދު ތައާރަފުކުރި ޚިދުމަތްތަކާ އެކު ބީއެމްއެލްގެ ކަސްޓަމަރުންނަށް އެ ބޭންކުގެ ބްރާންޗްތަކުގައި ގިނައިރު ކިއުގައި ނުޖެހި އަވަސް ޚިދުމަތެއް ލިބިގެންދާނެ ކަމަށެވެ.

"މި ޙިދުމަތް ތައާރަފު ކުރުމުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ގިނައިރު ކިއުގައި ނުޖެހި ވަގުތުން ވަގުތަށް ޚިދުމަތް ލިބޭނެ. ބޭންކުގެ ހިދުމަތުގެ ނެޓްވޯކް ފުޅާކޮށް އިތުރު އޭޓީއެމް މިދަނީ ބަހައްޓަމުން. އަންނަ އަހަރުގެ ތެރޭގައި މި ތައާރަފު ކުރެވެނު ހިދުމަތްތައް ރާއްޖޭގެ އާބާދީ ބޮޑު ރަށްތަކަށް ތައާރަފު ކުރެވޭނެ." އެޑްރޫ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނީ މިއަދު ފެށިގެން ބޭންކުގެ މެއިން ބްރާންޗާއި މަޖީދީމަގު ބްރާންޗާއި ބީއެމްއެލް ލައިޓާއި ވެލާނާގޭގައި ބަހައްޓާފައިވާ އޭޓީއެމްތަކުގެ އިތުރުން ބައެއް ބޮޑުތަކުރުފާނުމަގު އާޓިފިޝަލް ބީޗު ކުރިމަތީން ބަހައްޓާފައި ހުރި އޭޓީއެމްތަކުން އެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ކައިރި މުސްތަގުބަލެއްގައި އޭޓީއެމް މެދުވެރިކޮށް ޑޮލަރުން ފައިސާ ނެގުމާއި ޑިޕޮޒިޓް ކުރުމުގެ ހިދުމަތް ވެސް ތައާރަފު ކުރާނެ ކަމަށެވެ.