11 Nov 2014, 16:42
ބަޣްދާދު (ނޮވެމްބަރު 11) : މިދިޔަ ހަފްތާގައި އެމެރިކާ ދިން ވައިގެ ޙަމަލާތަކެއްގައި އައިއެސް ޖަމާއަތުގެ އިސްލީޑަރު އަބޫބަކްރުލްބަޣްދާދީ މަރުވެފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި މިކަން ތަހްގީގް ކުރަމުން ގެންދާކަމަށް އިރާގުގެ ޖާސޫސީ އިދާރާގެ އިސް މަސްއޫލުވެރިއަކު ވިދާޅުވެއްޖެ އެވެ.
ނަން ހާމަކުރަންނޭދޭ އިރާގުގެ ޖާސޫސީ މަސްއޫލުވެރިއަކު ވިދާޅުވީ ބަޣްދާދީ އަށް ވީގޮތެއް ބެލުމަށް މިހާރު ޖާސޫސީ ތަހްގީގްތަކެއް ކުރަމުން ގެންދާކަމަށާ މިކަމުގައި ޖާސޫސީ އެޖެންޓުންތަކެއް އެހެން ފޭރާމެއްގައި ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ވައިގެ ހަމަލާތަކެއްގައި ބަޣްދާދީ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. އަނެއްބައި ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ ހަމަލާތަކުގައި ބަޣްދާދީ އާއި އައިއެސްގެ އިތުރު ދެކޮމާންޑަރަކު ވަނީ މަރުވެފަ އެވެ. މިހުރިހާ ރިޕޯޓްތަކަކީ ވެސް ނުރަސްމީ ރިޕޯޓްތަކެވެ.
އެމެރިކާގެ ޙަމަލާތައް ބަޣްދާދީގެ ހަށިގަނޑަށް އަރާފައިވަނީ މޫސަލްގައި ދަތުރުކުރަމުންދިޔަ އައިއެސްގެ ގާފިލާއަކަށް އެމެރިކާ ދިން ޙަމަލާތަކުގައިކަން ނޫނީ އަލްއަންބާރު ސަރަހައްދުގެ ރަށެއް ކަމަށްވާ އަލްގާއިމް ގައި މިދިޔަ ހަފްތާގައި ކުރިޔަށް ދިޔަ އައިއެސްގެ ލީޑާޝިޕް ބައްދަލުވުމަށް އެމެރިކާ ދިން ޙަމަލާތަކުގައި ކަން ސާފުވެފައެއް ނުވެ އެވެ. އަލްގާއިމްއަށް ދިން ޙަމަލާތަކުގައި ބަޣްދާދީ ޒަޚަމްވެފައިވާ ކަމަށް އައިއެސްގެ ލީޑަޝިޕަށް ނިސްބަތްވާ މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވީ ނަމަވެސް ބަޣްދާދީ ޒަޚަމްވިކަން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
ޕެންޓަގަންގެ ތަރުޖަމާން ކާނަލް ސްޓީވަން ވޮރެން އިއްޔެ ވިދާޅުވެފައި ވަނީ ބަޣްދާދީ އަށްވީ ގޮތެއް ބެލުމަށް އެެމެރިކާ ވެސް މަސައްކަތްކުރަމުން ގެންދާކަމުގަ އެވެ. ބަޣްދާދީ އަކީ އައިއެސްގެ ހަރަކާތްތަކުން ވެސް ނުފެންނަ އަދި އައިއެސް އަށް ތާއީދުކުރާ އާއްމުންގެ ތެރެއަށް ވެސް ނުކުމެ އުޅޭ މީހެއް ނޫނެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދޔަ ރޯދަ މަހު މޫސަލްގެ މިސްކިތެއްގައި ހުކުރު ޚުތުބާއެއް ދެނިކޮށެވެ. ބަޣްދާދީ މަރުވެއްޖެ ނަމަ އައިއެސް ޖަމާއަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އިރާގާއި އެމެރިކާ ލަފާކުރެ އެވެ. އެމެރިކާ ވަނީ ބަޣުދާދީ ހައްޔަރުކުރި ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފަ އެވެ.
ބަޣްދާދީ އަކީ މުސްލިމުންގެ ޚަލީފާއެއް ކަމަށް އަމިއްލަ އަށް އިޢްލާންކޮށްގެން އުޅޭ ހަނގުރާމަވެރިއެކެވެ. އިސްލާމީ އެއްވެސް ގައުމަކުން އޭނާގެ ޚިލާފަތު ގަބޫލުކޮށްފައިނުވާ އިރު އިސްލާމީ ބައެއް ގައުމުތަކުން ގެންދަނީ އޭނާގެ ޖަމާއަތާ ހަނގުރާމަކޮށް އެޖަމާއަތް ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ. އަދި އިސްލާމީ ދަންނަބޭކަލުން ވެސް ވަނީ ބަޣްދާދީގެ ޚިލާފަތާ ދެކޮޅަށް ފަތްވާ ދެއްވާފަ އެވެ. (ރޮއިޓާސް)