27 Jan 2011, 17:11
ކެންޑިޑެސީ ބާތިލް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި ދެ މައްސަލައެއްގައި ވަރަށް އަވަހަށް ހުކުމް ކުރައްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގައި ވަކިވަކިން ބޭއްވި ދެ ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިއީ އާންމުކޮށް އިސްތިއުނާފް ކުރާ މައްސަލަ ހިންގާ ގޮތަށް ހިންގާ މައްސަލަތަކެއް ނޫން ކަމަށާއި އެ ދެ މައްސަލައިގައި ވެސް ވަރަށް އަވަހަށް ހުކުމް ކުރައްވާނެ ކަމަށެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންގާލައްވައިފި ނަމަ ހާޒިރުވެވޭ ގޮތަށް ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތް ތިބުމަށް ވެސް އުއްތަމަ ފަނޑިޔާރު އެދިވަޑައިގަތެވެ.
ބުރާސްފަތި ދުވަހު އެންމެ ފުރަތަމަ ބާއްވާފައި ވަނީ އއ. ބޮޑުފޮޅަދޫ، ބަހާރީގޭ، އަބްދުލްބާރީގެ މައްސަލަ އެވެ. އޭނާގެ މައްޗަށް ކުރާ ދައުވާ އުފުއްލަވަމުން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ވަކީލު މުހައްމަދު އިބްރާހިމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލެއްވުމަށް ޑިސެމްބަރު 6، 2010 ގައި ބާރީ އެ ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމުން އެ ފޯމް ކޮމިޝަނުން ބަލައިގެންފައިވާ ކަމަށެވެ. އެކަމަކު އިލެކްޝަންސް ކޮމްޕްލެއިން ބިއުރޯއިން ބެލިއިރު ބާރީއަކީ ހިޔާނާތުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ހުކުމެއް ކޮށްފައިވާ މީހެއް ކަމަށް އެނގިފައިވާ ކަމަށް ވަކީލު ވިދާޅުވި އެވެ. އެހެންކަމުން އޭނާއަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ނ. ގެ ހަތަރު ވަނަ ނަންބަރުގައިވާ ފަދަ ކުށެއް ކޮށްފައިވާ މީހެއް ކަމުން އޭނާ އަށް އިންތިހާބުގައި ބައިވެރިނުވެވޭނެ ކަމަށް ކަނޑައަޅައިދެއްވުމަށް ވަކީލު އެދިވަޑައިގަތެވެ.
ދައުވާއަށް ރައްދު ދެއްވަމުން ބާރީގެ ބަދަލުގައި ކޯޓަށް ހާޒިރުވި ފަރާތުން ބުނީ ކްރިމިނަލް ކޯޓުން ދުވަހަކު ވެސް ބާރީގެ މައްޗަށް ހުކުމެއް ކޮށްފައިވާކަން އެނގިފައިނުވާ ކަމަށެވެ. ބާރީގެ މައްޗަށް އެއްވެސް އިރަކު ހިޔާނާތުގެ މައްސަލައެއްގައި ހުކުމެއް ކޮށްފައިވޭތޯ އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވުމުން އޭނާ ބުނީ 1997 ވަނަ އަހަރު ކޯޓް ނަންބަރު ތިނަކުން ބާރީގެ މައްޗަށް 10000 ރުފިޔާ އަށްވުރެ މަތީ އަދަދަކުން ހިޔާނާތްވި ކަމަށް ބުނެ ހުކުމެއް ކޮށްފައިވާ ކަމަށެވެ. އެކަމަކު އެއީ އިންސާފުން ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށް އޭނާ ބުންޏެވެ.
އިލެކްޝަންސްގެ ވަކީލު ވިދާޅުވީ ދައުވާ ރައްދުވާ ފަރާތުން ކުށަށް އިއުތިރާފްވެ މައްސަލައިގައި ބޭނުންވާ މައުލޫމާތުތައް ދީފައިވާތީ އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގައި ދެ ވަނައަށް ހިންގާފައި ވަނީ އއ. ހިމަންދޫ، ޖަވާހިރުވާދީ އަސީތު ތައުފީގުގެ ކެންޑިޑެސީ ބާތިލް ކުރުމުގެ މައްސަލަ އެވެ. މީގެ ކުރިން އޭނާގެ ނަން ބާތިލް ކުރުމުން ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ ކެންޑިޑޭޓެއްގެ ފޯމާ މެދު 48 ގަޑިއިރު ތެރޭގައި އިލެކްޝަންސް އިން ގޮތެއް ނިންމަން ޖެހޭނެ ކަމަށާއި އޭގެ ފަހުން އިލެކްޝަންސް އަށް ކެންޑިޑެސީއާ މެދު ގޮތެއް ނިންމޭނީ ކޯޓަށް ހުށަހަޅައިގެން ކަމަށެވެ.
އަސީތުގެ މައްޗަށް ކުރާ ދައުވާ އިއްވަމުން ވަކީލު ވިދާޅުވީ އަސީތުގެ މައްޗަށް 2003 ވަނަ އަހަރު ވައްކަމުގެ މައްސަލައެއް ހިމަންދޫ ކޯޓުން ސާބިތުކޮށްފައިވާ ކަމަށެވެ. އެއީ ގްރޫޕް ހަދައިގެން ވައްކަމެއް ކުރި މައްސަލައިގައި ކަމަށާއި ކޯޓުން ހުކުމްކޮށްފައި ވަނީ އަސީތު އެއް އަހަރާއި 11 މަސް ދުވަހަށް އަރުވާލުމަށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އަދި މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބަށް ވާދަ ކުރެއްވުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ރިއާޔަތް ކުރައްވަމުން ވަކީލު ވިދާޅުވީ އެ ހުކުމުގައި ބަޔާންކޮށްފައިވާ ހައްދު ގާއިމް ކުރުމުގެ ޝަރުތުތައް އަސީތުކޮށްފައިވާ ކުށުގައި ފުރިހަމަވާ ކަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ނ.ގެ ހަތަރު ވަނަ ނަންބަރުގައިވާ ގޮތަށް އަސީތައް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ކަނޑައަޅައިދެއްވުމަށް ވަކީލު އެދިވަޑައިގަތެވެ.
އަސީތުގެ ގާނޫނީ ވަކީލު ޝަހީމް އަހުމަދު ވިދާޅުވީ އަސީތު ކޮށްފައި ވަނީ އިސްލާމް ދީނުގައި ހައްދު ގާއިމް ކުރެވޭ ފަދަ ވައްކަމެއް ނޫން ކަމަށެވެ. އަދި އެއީ ތައުޒީރީ އަދަބެއެއް ދެވޭނެ ފަދަ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ އަސީތުގެ މައްޗަށް ދައުވާކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށެވެ. ގާނޫނުލް އުގޫބާތަކީ ހައްދު ގާއިމް ކުރެވޭ ފަދަ ކުށްތައް ބަޔާންކޮށްފައިވާ ގާނޫނެއް ނޫން ކަމަށް ފާހަގަ ކުރައްވަމުން ވަކީލު ވިދާޅުވީ، ބަނގުރާ ބުއިން ފަދަ ހައްދު ގާއިމް ކުރެވޭ މައްސަލަތައް ވެސް ބަލަނީ ގާނޫނުލް އުގޫބާތުގެ ދަށުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އިސްލާމް ދީނުގައި ހައްދު ގާއިމް ކުރެވޭ ވައްކަމުގެ އަދަބަކީ އަތްކެނޑުން ނުވަތަ އަތް ބުރިކުރުން ކަމަށްވާއިރު އަސީތައް ދީފައިވާ އަދަބަކީ އެއް އަހަރާއި 11 މަސް ދުވަހަށް އަރުވާލުން ކަމަށެވެ.
މީގެ އިތުރުން ވަކީލު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ އާންމު ފަރާތަކުން ކަމަށާއި ދިފާއުވެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ. އެހެންކަމުން އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ކަނޑައަޅައިފައި ވަނިކޮށް ކޮމިޝަނުން އިސްނަގައިގެން އަސީތުގެ މައްޗަށް ދައުވާ ކުރުމަކީ ހަމަހަމަކަން ގެއްލޭ ކަމައް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
މި މައްސަލަ އިލެކްޝަންސް ކޮމިޝަނުން ހުށަނޭޅޭނެ ކަމަށް ވެސް ވަކީލު ޝަރީއަތުގައި ވިދާޅުވި އެވެ. އެކަމަކު ފަނޑިޔާރުންގެ ބެންޗުން ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ އެ މައްސަލަ ކޯޓަށް ބަލައިގެން ގޮތާމެދު ޗެލެންޖު ނުކުރެވޭނެ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިއީ ތަފާތު ގޮތަކަށް ހިންގާ މައްސަލައެއް ކަމަށާއި އާންމު އުސޫލާ ހިލާފަށް މިއީ ޖުޑީޝަލް ރިވިއު ކުރުމެއް ކަމަށެވެ.
މީގެ އިތުރުން ޅ. ނައިފަރު، އަލިމަސްގޭ، ހައްސާން އަލިފުޅުގެ ކެންޑިޑެސީ ބާތިލް ކުރުމުގެ މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި ޝެޑިއުލްކޮށްފައި އޮތެވެ. އެކަމަކު ދައުވާ ލިބޭ ފަރާތުން ހާޒިރުނުވުމުން އެ މައްސަލަ ބޭއްވޭ ގޮތެއްނުވި އެވެ.