11 Nov 2014, 16:24
ޗައިނާ އިން ތަރައްގީ ކުރަން މަސައްކަތްކުރާ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޫޓް (އެމްއާރްއެސް) އާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ހާރިޖީ ވަޒީރު ދުންޔާ މައުމޫން ދެއްކެވި ވާހަކަފުޅުގައި އިތުރުފުޅު ހައްދަވާފައި ކަމަށް ބުނެ ސަރުކާރާ އިދިކޮޅު، އެމްޑިޕީގެ ފިކުރަށް ތާއީދުކުރާ މީޑިއާތަކުން ފަތުރަމުން ގެންދާ ވާހަކަތަކަށް ހާރިޖީ ވަޒީރު ރައްދު ދެއްވައިފި އެވެ.

ޗައިނާގެ ރައީސް އާއި އިންޑިއާގެ ބޮޑުވަޒީރު ވާހަކަ ދައްކަވަނީ --
މި މަހުގެ ފަސް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާ ކުރެއްވި ސުވާލެއްގެ ޖަވާބުގައި، މެރިޓައިމް ސިލްކް ރޯޑުގައި މި ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް ބައިވެރިވެފައިވާ ކަމަށާއި، އަދި ޗައިނާގެ ރައީސް ޒީ ޖިންޕިން އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެފަދަ މަޝްވަރާތަކެއް ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދުދީ މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާގެ ރައީސްގެ އެ ދަތުރުފުޅާ ގުޅޭ ރަސްމީ ލިޔެކިޔުންތަކުން އެފަދަ މަޝްވަރާތަކެއް ކުރެވިފައިވާ ކަން ހާމަވާ ކަމަށެވެ.
"ޗައިނާގެ ރައީސް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މެރިޓައިމް ސިލްކް ރޫޓާ ބެހޭ ވާހަކަ ހިމެނޭކަން އާންމުކޮށް ލިބެން ހުރި ރަސްމީ ލިޔެކިޔުންތަކުން ކަށަވަރުވެ ފެންނަން ހުރިކަން އެނގެ އެވެ." ހާރިޖީ ވަޒީރު ނެރުއްވި ބަޔާނުގައިވެ އެވެ.
ޗައިނާގެ ރައީސް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން، ޗައިނާގެ ހާރިޖީ ވުޒާރާގެވެބްސައިޓުގައި ސެޕްޓެމްބަރު 18 ވަނަ ދުވަހު، ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ، ބަނގުލަދޭޝް-ޗައިނާ-އިންޑިއާ-މިޔަންމާ (ބީސީއައިއެމް) އިކޮނޮމިކް ކޮރިޑޯ ބިނާކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ދެފަރާތުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި، ސިލްކް ރޯޑް އިކޮނޮމިކް ބެލްޓާއި 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޯޑާއި ސަރަހައްދީ އިގްތިސާދީ ގުޅުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އޮނިގަނޑު އެކުލަވާލުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމުގަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ޗައިނާގެ ރައީސް ބޭއްވެވި އެ މަޝަވަރާ ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަގްވާމީ މުޖުތަމައު ގަބޫކުކުރާ ގޮތުން، މިހިނގާ 21 ވަނަ ގަރުނަކީ އޭޝީއާގެ ގަރުނެއް ކަމަށާއި ހާއްސަކޮށް މިއީ އިންޑިއާ އާއި ޗައިނާގެ ތަރައްގީ ގުޅިފައިވާ ގަރުނެއްކަމަށް ވިދާޅުވެފައިވެ އެވެ.
އަމާންކަމާއި ގުޅިގެން ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓަކައި 'ޗައިނީޒް ޑްރެގަން' އާއި 'އިންޑިއަން އެލިފަންޓު'ގެ ގުޅުން ބަދަހިކުރެވިއްޖެ ނަމަ ދެ ގައުމުގެ އާބާދީގެ 2.5 ބިލިއަން ރައްޔިތުންނަށާއި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެސް އޭގެ ފައިދާކުރާނެ ކަމަށް ޒީ ޖިންޕިން ވިދާޅުވެފައިވެ އެވެ.
ހާރިޖީ ވަޒީރު ދުންޔާ ވިދާޅުވީ، މެރިޓައިމް ސިލްކް ރޯޑުގައި ބައިވެރިވުމުގެ މަސައްކަތާއި އަދި މި ސަރުކާރުގެ އެހެނިހެން ވެސް ހާރިޖީ ސިޔާސަތުގެ ހުރިހާ ނިންމެވުންތައް ނިންމެވުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އެންމެ މުޙިއްމު މަގުސަދަކީ، ގައުމީ ސިޔާސަތު ރައްކާތެރި ކުރުމާއި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު ކުރިއަށް ނެރުމާއި، ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާ އިތުރުކުރުން ކަމަށެވެ.
ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތުގެ މައްޗަށް އެހެން ގައުމެއްގެ މަސްލަހަތު ކުރިއެރުވުމަށް މިސަރުކާރުން ވާގިވެރި ނުވާނޭ ކަމަށް ވެސް އެކަމަނާ މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
"...ދިވެހި ރާއްޖޭގެ ސަލާމަތާ ހަމަޖެހުން ވަނީ ދެކުނު އޭޝިއާ އާއި އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅިފައި ކަމަށް ވާތީ، ދިވެހިރާއްޖޭގެ މަސްލަހަތު ކުރިއެރުވުމަށް ޓަކައި މަޝްވަރާ ކުރަން ޖެހޭ ހުރިހާ ފަރާތްތަކާ ރާއްޖޭން އަބަދު ވެސް މަޝްވަރާކުރާނެ އެވެ." އެ ބަޔާނުގައިވެ އެވެ.
ދުންޔާގެ ބަޔާން ނިންމާލަމުން ވިދާޅުވެފައި ވަނީ، އެމްޑީޕީ އާއި އެ ޕާޓީގެ ސިޔާސަތު ކުރިއަށް ނެރޭ މީޑިއާތަކުން ރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއަށް ނެރުމުގެ ބަދަލުގައި އެހެން ގައުމެއްގެ މަސްލަހަތު ކުރިއަށް ނެރުމަކީ ރާއްޖޭގެ ރައްޔިތުން އެކަމާ ދެރަވެ ކަންބޮޑުވާ ކަމެއް ކަމުގަ އެވެ.