11 Nov 2014, 16:13
ހދ. ކުރިނބީގެ ބަނދަރު ރައްޔިތުން ބޭނުންވި ވަރަށް ވުރެ ކުޑަކޮށް ހަދަމުންދާތީ ކަމަށް ބުނެ ރައްޔިތުންގެ ބަޔަކު ނުކުމެ އެ ރަށު ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓުވައިފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު މުޖުތަބާ މިއަދު ސަން އަށް ވިދާޅުވީ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ބަނދަރު ހެދުމުގެ މަސައްކަތް މިއަދު ހުއްޓުވީ ރައީސް އަބްދުﷲ ޔާމީންގެ ވައުދާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ ކަމަށެވެ.
"ކެމްޕޭން ތެރޭގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ބަނދަރުގެ މަސައްކަތް ކުރިއަށް ދާނީ އެހެން ނަަމަވެސް ރައްޔިތުން ބޭނުންވި ގޮތަކަށް ނޫން އެ މަސައްކަތް ކުރިއަށްދަނީ،" މުޖުތަބާ ވިދާޅުވި އެވެ.

ހދ. ކުރިބީގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި މިއަދު ބަޔަކު މުޖާހަރާ ކުރަނީ -- ސަން ފޮޓޯ އަލީ ނިސާމް
ބަނދަރު ސަރަހައްދުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ބޯޑުތަކާ އެކު ނުކުމެ މުޖާހަރާ ކުރަން ފެށުމުން ސަރުކާރުން އެ މަޝްރޫއު ހަވާލުކޮށްފައިވާ ހެވީ ފޯސް ކުންފުންޏަށް ވަނީ އެ މަސައްކަތް ނުކޮށް ހުއްޓާލަން ޖެހިފަ އެވެ. ބޯޑުތައް ހިފައިގެން ތިބި މީހުން ވަނީ ހައުސިން މިނިސްޓަރުގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ. އަދި ބޯޑުތަކުގައި ރައްޔިތުންނަށް ބަނދަރާ ގުޅިގެން އޮޅުވާނުލެއް ވުމަށާއި ބަނދަރާ ބެހޭ ދޮގު މައުލޫމާތު މަޖިލީހަށް ނުދެއްވުމަށް ވެސް ގޮވާލައިފައިވެ އެވެ.

ހދ. ކުރިބީގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި މިއަދު ބަޔަކު މުޖާހަރާ ކުރަނީ -- ސަން ފޮޓޯ އަލީ ނިސާމް
ކުރިބީގެ ބަނދަރު ހެދުމުގެ މަސައްކަތް އެންމެ ފުރަަތަމަ ފަށައިފައި ވަނީ 2011 ވަނަ އަހަރު އެވެ. އޭރު އެ ބަނދަރު ހެދުމަށް ކަނޑައަޅާފައި ވަނީ 150 ފޫޓް 300 ފޫޓަށެވެ. ނަމަވެސް އޭގެ ފަހުން އެ ބަނދަރު 200 ފޫޓާއި 300 ފޫޓަށް ބޮޑުކުރުމަށް މިސަރުކާރުން ނިންމި ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބްގެ ތެރޭގައި އެ ރަށުގެ ބަނދަރު ރައްޔިތުން ބޭނުންވާ ގޮތަކަށް ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވައުދު ވެވަޑައިގެން ކަމަށް ވެސް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ހދ. ކުރިބީގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި މިއަދު ބަޔަކު މުޖާހަރާ ކުރަނީ -- ސަން ފޮޓޯ އަލީ ނިސާމް
ރައްޔިތުން ބޭނުން ވަނީ 200 ފޫޓާއި 400 ފޫޓަށް ބަނދަރު ބޮޑު ކުރަން ކަމަށް ބުނެ މިދިޔަ ކައުންސިލާއި މިހާރުގެ ކައުންސިލުން ވެސް ވަނީ ހައުސިން މިނިސްޓްރީ އަށް ހުށަހަޅައިފައިވާ ކަަމަށް މުޖުތަބާ ވިދާޅުވި އެވެ.