11 Nov 2014, 15:55
ކުދިގައުމުތަކުގެ ބައިނަލްއަގުވާމީ ޖަމްއިއްޔާ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓް (އެއޯސިސް) ގެ ޗެއާމަންކަން ރާއްޖެއިން ހޯދައިފިއެވެ.
މިކަން އިއުލާންކޮށްފައި ވަނީ މިހާރު ސީޝެލްސްގައި ހިނގަމުންދާ އެސޯސިސް މިނިސްޓަރުންގެ ބައްދަލުވުމުގައެވެ.
ފޮރިން މިނިސްޓްރީން ބުނީ އެއޯސިސްގެ ޗެއާމަންކަމާ ރާއްޖެއިން ހަވާލުވާނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ.
ރާއްޖެއިން އެއޯސިސްގެ ޗެއާމަންކަން ކުރުމަށް ޝައުގުވެރިކަން ރަސްމީކޮށް ހާމަކޮށްފައި ވަނީ މިދިޔަ މެއި މަހުގެ އެއޯސިސްގެ މެމްބަރު ގައުމުތަކަށް ފޮރިން މިނިސްޓަރު ފޮނުއްވެވި ސިޓީފުޅެއްގައެވެ.
އެއޯސިސް އަކީ މީގެ 25 އަހަރުކުރިން 1989 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ކުދި ގައުމުތަކުގެ އެންމެ ފުރަތަމަ ބައްދަލުވުމަށްފަހު، ރާއްޖޭގެ އިސްނެގުމުގެމަތިން އުފެއްދި ޖަމްއިއްޔާއެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފާއިތުވި 25 އަހަރު ތެރޭގައި ރާއްޖެ ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަކަތަކާ ގުޅޭގޮތުން ގައުމީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއްކޮށް، ގިނަ ކަންތައްތަކެއް ފަށައި، ހިންގައި، އަދި ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތައްފަދަ ދުނިޔެއަށް ދިމާވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އާ ގޮތްގޮތަށް ވިސްނައި ހައްލު ހޯދޭނެގޮތްތައް ހުށަހަޅާ ގައުމެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.
އެއޯސިސް އަކީ އެއް ބާވަތެއްގެ ތަރައްގީ އާއި ގުޅޭ ގޮންޖެހުންތަކާއި ތިމާވެއްޓާ ގުޅޭ މައްސަލަތަކުގައި އެއް ވިސްނުމެއް ގެންގުޅޭ، ކުދި ޖަޒީރާ ގައުމުތައް ހިމެނޭ އެލަޔަންސެކެވެ. ޚާއްސަކޮށް އެ އެލަޔަންސްގެ މަސައްކަތް ބިނާވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަން ފާޅުކުރުމަށެވެ.
އެ އެލަޔަންސް މަސައްކަތް ކުރަނީ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ މެދު ދުނިޔޭގެ ފެންވަރުގައި އަދި ޚާއްސަކޮށް އދ. ގައި ކުރެވޭ މަޝްވަރާތަކުގައި އެކަންކަމާ މެދު އަޑުއުފުލައި ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން ވަކާލާތުކުރާ ލޮބީ ގްރޫޕެއްގެ ގޮތުގައެވެ.