ސިއްހީ ދާއިރާ އަށް އަންނަ އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓްގައި ހުރި ބައެއް ދާއިރާތަކަށް ފައިސާ ހަރަދު ކުރަން ނިންމާފައިވާ ގޮތާ ދޭތެރޭ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ 3.4 ބިލިއަން ރުފިޔާގެ ބަޖެޓެއް ސިއްހީ ދާއިރާ އަށް ކަނޑައަޅާފައިވާ އިރު ބައެއް ދާއިރާތަކަށް އެ ފައިސާ ހަރަދު ކުރާނެ ގޮތުގެ ތަފްސީލެއް ދީފައިނުވާ ކަމަށެވެ.

އެގޮތުން ނިކަމެތިންނާއި އާންމު ހާލަތު ރަނގަޅު ކުރުމަށްދޭ ފައިސާގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓްގައި 21.9 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު، އަމިއްލަ ފަރާތްތަކަށްދޭ އެހީގެ ފައިސާގެ ގޮތުގައި 137.4 މިލިޔަން ރުފިޔާ ހިމަނާފައިވާ ކަމަށާއި ނަމަވެސް އެ ފައިސާ އަކީ ކޮން ބަޔަކަށް ކޮން ގޮތަކަށް ކޮން އުސޫލެއްގެ ދަށުންދޭ ފައިސާއެއްކަން ބަޖެޓުން ސާފުނުވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި އެހެނިހެން ގޮތް ގޮތުންދޭ އެހީގެ ފައިސާގެ ގޮތުގައި 44 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު، އެއީ ކޮން ކަމަކަށް ކޮން ބަޔަކަށް ހަރަދު ކުރާ ފައިސާ އެއްކަން އެނގެން ނެތް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ރާއްޖެ އިން ބޭރަށް ކުރާ ބޭސް ފަރުވާއަށް ދޭއެހީ 31.3 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވީ ނަމަވެސް މި އަހަރުގެ ބަޖެޓްގައި އެ ދަދު 10.5 މިލިއަން ރުފިޔާ އަށް ތިރިކޮށްފައިވުމުން އެކަމާ ވަނީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އަންނަ 2015 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޑރ. އަބުދުއްސަމަދު މެމޯރިއަލްހޮސްޕިޓަލްގައި އިމާރާތް ކުރާ 10 ކޮޓަރި އަށް ހަ މިލިއަން ރުފިޔާ ހަރަދު ކުރާ ގޮތަށް ހިމަނާފައި އޮތުމުން، އެ ކޮޓަރިތައް ނިންމުމަށް އެވަރުގެ ބޮޑު ހަރަދެއް ހިނގާނެތޯ ވަނީ ރޮޒެއިނާ ސުވާލު އުފައްދަވާފަ އެވެ. ރޮޒެއިނާ ވިދާޅުވީ ނިމޭ އިރު އެ ކޮޓަރިތައް ހުންނާނެ ފެންވަރާ ދޭތެރޭ ސުވާލު އުފެދޭ ކަމަށާއި އަދި އެ ޕްރޮޖެކްޓްގައި ކޮރަޕްޝަން އަށް މަގުފަހިވާނެ ކަމެއް ނުހިމެނޭތޯ ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓްގައި އެންސްޕާ އަށް ދީފައިވާ ބަޖެޓް 2014 ވަނަ އަހަރަށް ވުރެ ކުޑަ ކޮށްފައިވާތީ އެކަމާ ވެސް ރޮޒެއިނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވީ 2014 ވަނަ އަހަރު 1.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނާފައިވާ އިރު، އަންނަ އަހަރަށް ހިމަނާފައި ވަނީ 1.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. އެ ބަޖެޓްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭ 5000ރ. އިނާޔަތް ދެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އޮތް މަޖިލީހުން ފެންނަނީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތް ނަމަވެސް ޕީޕީއެމް ބޭނުންވާ ގޮތަކަށް ފާސް ކުރަމުންދާ މަންޒަރު ކަމަށެވެ. އަދި ބަޖެޓްގައި ހުރި ކަންބޮޑުވާ ކަންތައްތަކުގެ ވާހަކަ ދެއްކި ނަމަވެސް ބަޖެޓް އޮތް ގޮތަށް ފާސްކޮށްލުމުގެ ފުރުސަތު ޕީޕީއެމްއަށް އޮންނަކަން ރޮޒެއިނާ ފާހަގަ ކުރެއްވި އެވެ.