11 Nov 2014, 15:38
ލޭޑީސް ފިންގާ ނުވަތަ ބާމިޔާ ތޮޅިއަކީ ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ ތަރުކާރީއެކެވެ. އަރިއަރިއަށް ހުންނަ ބާމިޔާ ތޮޅިއަކީ ދަވަގިނަ އަދި އެތައް ވިޓަމިންސްއަކާ މިނަރަލްސްތަކެއް އެކުލެވޭ ތަރުކާރީއެކެވެ. އެތޮޅިއަކީ ރޮލާ ވެސް ކެވޭނެ އެއްޗެކެވެ. ނަމަވެސް އެތޮޅީގައި ހުންނަ 'ފާޑެއްގެ ރަހައަކުން' އެންމެ މީރު ވާނީ އާވިން ކައްކާލައިގެން ނުވަތަ ތެލުލައިގެން ކެއުމުންނެވެ.
ބާމިޔާ ތޮޅިއަކީ ގިނަ އަދަދަކަށް ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ކޭ އަދި ވިޓަމިން ބީގެ ބާވަތްތައް އެކުލެވޭ ތަރުކާރީއެކެވެ. އެ ބާވަތުގެ ވިޓަމިންސް ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމުގެ އިތުރުން ނޭވާ ހިއްލާ ބަލިން ވެސް ރައްކާތެރިކޮށްދެ އެވެ. ބާމިޔާ ތޮޅީގައި އެކުލެވޭ މާއްދާއެއް ކަމަށްވާ ފޯލޭޓް އަކީ މާބަނޑު މީހުން ބޭނުންކުރުމަށް ވަރަށް ފައިދާ ހުރި އަދި ހަށިގަނޑުގެ ކަށިތައް ވެސް ވަރުގަދަކޮށްދޭ އެއްޗެކެވެ. ބާމިޔާ ތޮޅި އަކީ ސިއްހަތަށް ފައިދާ ހުރި މާއްދާއެއް ކަމަށްވާ ފައިޓޯނިއުޓްރިއަންޓްސް އާއި އެތަކެއް އެންޓިއޮކްސިޑަންޓްސް ވެސް އެކުލެވޭ ތަރުކާރީ އެކެވެ. އެ އެންޓިއޮކްސިޑަންޓްސްގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ ކެންސަރު ފަދަ ބަލިތަކުން ވެސް ރައްކާތެރިކޮށްދެ އެވެ.

ބާމިޔާ ތޮޅިއަކީ ބޭސްފަރުވާ އަށް ވެސް ބޭނުންކުރެވޭނެ ތަރުކާރީއެކެވެ. ހަށިގަނޑުގައި ލޭމަދުވުމުން ޖެހޭ ބައްޔެއް ކަމަށްވާ "އެނީމިއާ" އަކީ ނުރައްކާތެރި ބައްޔެކެވެ. ބާމިޔާ ތޮޅި ކެއުމުން ހަށިގަނޑުގައި ގިނަ އަދަދަކަށް ލޭ އުފެދި އެބަލި ޖެހުމުން ރައްކާތެރިކޮށްދޭނެ އެވެ. އެތޮޅީގައި އެކުލެވޭ ބީޓާ-ކެރޮޓީނު އަކީ ލޮލުގެ ބަލިތައްކަމަށްވާ ކެޓެރެކްޓް އާއި ގްލޯކޯމާއިން ހަށިގަނޑު ސަލާމަތްކޮށްދޭ އެންޓިއޮކްސިޑަންޓްގެ ބާވަތެކެވެ. އޭގެ އިތުރުން ބާމިޔާ ތޮޅީގައި ވިޓަމިން ކޭ، ކެލްޝިއަމް، ޕޮޓޭޝިއަމް، ޒިންކް އަދި ދަނގަޑުވެސް ހިމެނެ އެވެ.
ހަށިގަނޑުގެ ހަޖަމުކުރާ ނިޒާމަށް ވެސް ބާމިޔާ ތޮޅިއަކީ ރަހުމަތްތެރިއެކެވެ. އެތޮޅީގައި ގިނަ އަދަދަކަށް އެކުލެވޭ ފައިބަރުގެ ސަބަބުން ބަނޑުހަރުވުމާއި ދުރުވެ އެވެ. އޭގެއިތުރުން ކޯލޯން ކެންސަރުން ވެސް މީހާ ސަލާމަތްކޮށްދެ އެވެ. ބާމިޔާ ތޮޅީގައި އެކުލެވޭ ފައިބަރަކީ ހަށިގަނޑަށް ގެއްލުވާ މިންވަރަކަށް ސަރުބީ އިރުތުވުމުން ޖެހޭ ބައްޔެއް ކަމަށްވާ ކޮލެސްޓްރޯލް އިން ވެސް މީހާ ރައްކާތެރިކޮށްދޭ މާއްދާއެކެވެ. އެ ތޮޅި ކެއުމުން ހަންގަނޑު ވެސް ރީތިވެ މޫނުގައި ހުންނަ އޮށާޅަތައް ވެސް ފިލާނެ އެވެ.

ބާމިޔާ ތޮޅި ގަތުމަށް ފަހު ކެއްކުމުގެ ކުރިން އެޕަލް ސިޑާ ވިނެގާ ތައްޓަކަށް އަޅާފައި އޭގައި ދިހަ ވަރަކަށް މިނެޓު ބަހައްޓާލުމަކީ ރަނގަޅުކަމެކެވެ. އެޕަލް ސިޑާ ވިނެގާއަކީ ދަނޑުތަކުގައި ދިރިއުޅޭ ސޫފާސޫފި މެރުމަށް ޖަހާ ވިހައެއް ކަމަށްވާ "ޕެސްޓިސައިޑްސް" އާާއި އިންސެކްޓިސައިޑްސް" ފިލުވާލަދޭ އެއްޗެކެވެ. ބާމިޔާ ތޮޅީގައި ގިނަ އަދަދެއްގެ އޮކްޒާލިކް އެސިޑު ހުރުމާ އެކު ކިޑުނީގައި ހިލަ ހުންނަ މީހުން ބޭނުންކުރަން މިއީ އެހާ ރަނގަޅު ތަރުކާރީއެއް ނޫނެވެ.
މައުލޫމާތު: ހެލްތު ޑައިޖެސްޓް