ދިވެހިން މިއަދު އަޒުމު ކަނޑައަޅަންވީ ގައުމުގައި ސުލްޙަ މަސަލަސްކަން ގާއިމްކޮށް، އިޖުތިމާއީ ގުޅުން ބަދަހިކޮށް، ރައްޔިތުންގެ މެދުގައި އަޚުވަންތަ ކަމާއި އެކުވެރިކަމުގެ ގުޅުންތައް ވަރުގަދަކުރުމަށް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ 46 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކޮމިޝަނަރު އޮފް ޕޮލިސް ދެއްވި ހިތާބުގައި ވިދާޅުވީ، ޖުމުހޫރީ ދުވަހުގެ އުފާ ފާޅުކުރަމުންދާއިރު ގައުމާ ދޭތެރޭ ކޮންމެ ދިވެހި ރައްޔިތަކުވެސް ފުންކޮށް ވިސްނައިލުމަށް މިއީ މުނާސަބު ވަގުތެއް ކަމަށެވެ.

ސީޕީ ވިދާޅުވީ، މިގައުމުގެ ދިގު މާޒީގައި މި ގައުމަށްޓަކައި ލޭއޮހޮރުވާލައި މިގައުމުގެ ގައުމިއްޔަތު ދިރުވައި އާލާކުރަން ގުރުބާންވި ބަތޮލުންތަކެއް ވަނީ ފެނިގެން ގޮސްފައި ކަމަށެެވެ.

"މިއަދު އަޅުގަނޑުމެން އެންމެން އަޒުމު ކަނޑައަޅަންވީ ގައުމުގައި ސުލްޙަ މަސަލަސްކަން ގާއިމްކޮށް، އިޖުތިމާއީ ގުޅުން ބަދަހިކޮށް، ރައްޔިތުންގެ މެދުގައި އަޚުވަންތަ ކަމާއި އެކުވެރިކަމުގެ ގުޅުންތައް ވަރުގަދަކުރުމަށް. މިގައުމުގެ ވެށި އަމާންކަންމަތީ އަބަދުގެ އަބަދަށް ދެމެހެއްޓުމަށް،" ސީޕީ ހުސައިން ވަހީދުގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.

ހުސައިން ވަހީދު ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ދިވެހިރާއްޖެއަށް ދެރައެއް ލިބިދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. ހަމައެއާއެކު ދުނިޔޭގެ އެހެން ގައުމުތަކުގެ ކުރިމަތީގައި ދިވެހިން ނިކަމެތިވާފަދަ ކަމެއް ނުކުރުމަށްވެސް ކޮމިޝަނަރު އޮފް ޕޮލިސް ވަނީ އިލްތިމާސް ކުރައްވާފައެވެ.