11 Nov 2014, 14:12
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ނ. އަތޮޅު ފުޓުބޯޅަ މުބާރާތުގައި ޅޮހީ ޒުވާނުންގެ ކްލަބާއި މަނަދޫ ޒުވާނުންގެ ގުޅުމާ ބައްދަލު ކުރި މެޗުން އެއް ޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރު ވެއްޖެ އެވެ.
ހޮޅުދޫ ދަނޑުގައި އިއްޔެ ޅޮހީ ޓީމުން ކުޅެފައިވާ ފުރަތަމަ މެޗު އެއްވަރު ވެފައިވާއިރު، މުބާރާތުގައި މަނަދޫ ޓިމު ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ އެއްވަރު ވެފައެވެ.
އިއްޔެގެ މެޗުގައި ދެ ޓިމުންވެސް ދާދި ހަމަހަމަ ކުޅުމެއް ދައްކާފައިވާއިރު އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޅޮހީ ޓީމު މުހައްމަދު ސޮބާހު އެވެ.
މިއަދު ހަވީރު 4:00 ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ އާއި ހޮޅުދޫ ބޭސް ޓީމެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް 'އޭ'ގައި ހިމެނެނީ ވެލިދޫ ކްލަބު އެމުނި އާއި މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ އަދި ހޮޅުދޫ ބޭސް އެވެ. އަދި ގްރޫޕް 'ބީ'ގައި ހިމެނެނީ މަނަދޫ ޒުވާނުންގެ ގުޅުމާއި ކުޑަފަރީ ޔޫތު މޫވްމެންޓް އަދި ޅޮހީ ޒުވާނުންގެ ކްލަބް އެވެ.