ގއ. ކޮނޑޭ ކައުންސިލުގެ ނައިބު ރައީސް އާއި އިތުރު ދެ ކައުންސިލަރަކު ޕީޕީއެމް އަށް ސޮއި ކުރައްވައިފިއެވެ.

އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބު ކުރެއްވި ކައުންސިލުގެ ނައިބު ރައީސް މުރުތަޟާ ސަލީމް އާއި ކައުންސިލަރު ޔުމްނާ ގާސިމް އަދި އަހުމަދު އިބްރާހީމް ޕީޕީއެމް އަށް ސޮއި ކުރެއްވީ އާދިއްތަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޕީޕީއެމް އަށް ސޮއި ކުރެއްވުމަށްފަހު "ސަން" އަށް ދެއްވި އިންޓަވިއު އެއްގައި ޔުމްނާ ވިދާޅުވީ ޕީޕީއެމް އަށް ސޮއި ކުރެއްވީ އެ ޕާޓީއަކީ ސަރުކާރު ހިންގާ ޕާޓީއަށްވާތީ، އެޕާޓީއާ ގުޅިގެން ރަށަށް ތަރައްގީ ގެންނަން ފަސޭހާ ވާނެ ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

"މިހާރު ސަރުކާރު އޮތް ޕާޓީ އަކީ ޕީޕީއެމް. އެހެންވީމަ އަޅުގަނޑު އެ ޕާޓީއަށް ސޮއި ކުރީ ރަށުގެ އާންމުންނަށާއި ރަށަށް ތަރައްގީ އާއި ކުރިއެރުވުން ގެންނަން ފަސޭހަ ވާނެތީ،" ޔުމްނާ ވިދާޅުވިއެވެ.

އެ ތިން ބޭފުޅުން ޕީޕީއެމް އަށް ސޮއި ކުރައްވާފައިވާއިރު ދެން އެ ކައުންސިލުގައި ހިމެނިވަޑައިގަންނަވަނީ އަދާލަތު ޕާޓީގެ ޓިކެޓުގައި އިންތިޚާބު ކާމިޔާބު ކުރެއްވި ސިޔާމް މުހައްމަދެވެ.

އަމިއްލަ ގޮތުން ކޮނޑޭ ކައުންސިލަށް އިންތިހާބުވި ގާނޫނީ ވަކީލު ޝާން މުހައްމަދު ވަނީ ކައުންސިލަރުކަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ލޯކަލް ގަވާމެންޓް އޮތޯރިޓީގައި ސިޓީއަކުން ދަންނަވާފައެވެ. އޭނާގެ ބަދަލުގައި އެ ކައުންސިލަށް އަދި މެމްބަރަކު އިންތިޚާބުކޮށްފައެއް ނުވެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާ މެމްބަރު ޖަމީލް އުސްމާން އާއި ވިލިނގިލި ދާއިރާ މެމްބަރު ސައުދު ހުސައިން އަދި ނައިފަރު ދާއިރާ މެމްބަރު އަހުމަދު ޝިޔާމް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.