11 Nov 2014, 13:22
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިހާތަނަށް ހުށަނާޅާވަރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮޖެކްޓް (ޕީއެސްއައިޕީ) އެއް ހިމަނާފައިވާ ބަޖެޓެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ގުޅިފައި ވަނީ ރަށްތަކުގެ ތަރައްގީއާއިކަމަށާއި ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫއުތަކަށް 6.3 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.
"އާންމުގޮތެއްގައި ޕީއެސްއައިޕީ ޕުރޮޖެކްޓްތަކަށް ހިމެނިފައި މިހުންނަނީ ގާގްގަނޑަކަށް ތިން ބިލިއަން ނުވަތަ ތިން ހާސް މިލިއަނެއްހާ ރުފިޔާ، އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މިއަހަރުގެ ބަޖެޓުގައި ބަޖެޓުން ހޭދަކޮށްގެން ޕީއެސްއައިޕީ މަޝްރޫތަކަށް ހޭދަކުރުމަށް އެއޮތީ ހުށައަޅާފައި ގާގްގަނޑަކަށް ދެގުނަ އަދަދެއް، 6.3 ބިލިއަން" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ބަޖެޓުގައި އެހާބޮޑު އަދަދެއް ޕީއެސްއައިޕީގެ ގޮތުގައި ހިމެނުމުން އޭގެ ނަތީޖާއަކަށް ވެގެންދާނީ އެތައް ރަށެއްގައި ނަރުދަމާ ގާއިމް ކުރެވިގެންދިއުން ކަމަށާއި ސަރުކާރުގެ އަމަޒަކީ ބަޖެޓުން ރައްޔިތުންނަށް ގިނަ ކަންތައްތައް ކޮށްދިނުން ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިން ނުދެއްކިހުރި ބިލްތަކެއް ދައްކަން ބޮޑު އަދަދެއް ބަޖެޓުގައި ހިމަނާފައިވާ ކަމަށާއިި ބަޖެޓު ޑެފިސިޓް ވަނީ އެކަމުގެ ސަބަބުން ކަމަށެވެ.
"އުފަލާއެކު މިދައްނަވަނީ 2015 ވަނަ އަހަރަށް ފޮނުވާފައިވާ ބަޖެޓުގެ ޕުރައިމަރީ ބެލެންސް ސާޕުލަސް އެއް އުޅޭވާހަކަ މިދަންނަވަނީ، ބަޖެޓުގެ އަދަދުތަކަށް ބަލާއިރު އެއޮތީ އަޅުގަނޑުމެންނަށް ނުފުއްދޭވަރުގެ ޑެފިސިޓެއް ނޫން، ޑެފެސިޓަކީ ކުޑަކުޑަ އަދަދެއް،" ރައީސް ވިދާޅުވިއެވެ.
މިސަރުކާރުގެ އެއް އަހަރު ދުވަހަށް އަލި އަޅުވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އެންމެ ބޮޑަށް އިސްކަންދެނީ އިގްތިސޯދަށް ކަމަށްވާއިރު އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެކަން ހާސިލް ކުރެވިފައި ވަނީ އަމާޒުތަކެއް ހާސިލްކުރަން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން ކަމަށާއި ބޭންކުތަކުގައި ޑޮލަރު ހޯދަން ކިޔޫތައް ހަދައިގެން ތިބޭތަނެއް މިހާރު ނުފެންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.