11 Nov 2014, 13:08
އެއާ ކެނެޑާގެ ޑޮމެސްޓިކް މަތިންދާބޯޓެއްގެ ބުރަފަތި ނެއްޓިގެން ގޮސް މަތިންދާ ބޯޓުގެ ކެބިން ފަޅާލައި މީހަކު ޒަހަމުވެއްޖެ އެވެ.

ބުރަފަތި ނެއްޓިގެން ގޮސް ފުލައިޓުގެ މީހުން ތިބޭ ކެބިންބަޔަށް ވަދެފައި---
ކެނެޑާގެ "ދަ ގްލޯބް" އިން މިދިޔަ ހަފުތާގައި ބުނީ "އެއާ ކެނެޑާ އެކްސްޕްރެސް 8481" ޑޮމެސްޓިކް މަތިންދާބޯޓުގެ ކަނާތު ބުރަފަތި ނެއްޓުނީ ޖައްވުގައި ދަތުރުކުރަނިކޮށް އިންޖީނު މައްސަލައެއް ދިމާވެގެން ކުއްލިއަކަށް ބިމުގައި ޖައްސަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެއުޅަނދު ބިމުގައި ޖެއްސިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަނާތު ބުރަފަތި ނެއްޓި، މީހުން ތިބޭ ބައި(ފިއުސިލޭޖު) ފަޅާލައި އެދިމާލުގައި އިން އަންހެނެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.
"ކުއްލި އަކަށް ކޮންމެސް އެއްޗެއް ކުޑަދޮރު ފަޅާލާފައި އައިސް އަހަރެންގެ ބޮލުގައި ޖެހުނީ.. މިއަށް ވުރެ ބޮޑުވަރު ނުވުމަކީ އަހަރެންގެ ނަސީބު،" ބުރަފަތިން ބޮލުގައި ޖެހުނު ކްރިސްޓީނާ ކުރްޔޯލޯ "ދަ ގްލޯބް"އަށް ބުންޏެވެ.

އެހާދިސާގައި އަނިޔާވި މީހުންނަށް "ޕެރެމެޑިކްސް"އިން ފަރުވާދެނީ---
ބޯޓުގެ ބުރަފަތި ނެއްޓުމާ އެކު އެ އުޅަނދުގައި ރޯވެފައިވާ ކަމަށް ވެސް އެނޫހުގައި ބުނެފައިވެ އެވެ. އެ ހާދިސާގައި އަނިޔާވި ކްރިސްޓީނީ ކްރުޔޯލޯއާ އެކު އެ ބޯޓުގައި މުޅި އެކު 71 މީހުން ދަތުރުކުރި އެވެ. އަދި ކްރުޔޯލޯގެ އިތުރުން ހަތަރު މީހަކަށް ކުދިކުދި އަނިޔާ ލިބިފައިވާ ކަމަށް ވެސް "ދަ ގްލޯބް" އިން ބުންޏެވެ.
އެއާ ކެނެޑާ މަތިންދާބޯޓުތައް ހިންގާ ކުންފުނި، ޖޭޒް އޭވިއޭޝަނުން ބުނި ގޮތުގައި އެ ހާދިސާ ހިނގި ބޮމްބާޑިއާ ކިއު400 މަތިންދާބޯޓަކީ އިތުބާރުކުރެވޭ ބޯޓެކެވެ.
"މިހާ ތަނަށް އެ ހާދިސާ ދިމާވާންވީ ސަބަބެއް ނޭނގޭ. އެ ވައްތަރުގެ ބޯޓަކީ ވަރަން އިތުބާރު ހުރި ގަދަ ބޯޓެއް." ޖޭޒް އޭވިއޭޝަންގެ ސްޕޯކްސްޕާސަން މެނޮން ސްޓުއާޓް "ދަ ގްލޯބް" އަށް ބުންޏެވެ.