އެއްވެސް ހައްދެއް ނެތި މިނިވަންކަން ދޫކޮށްލައިގެން އުފަލާއި ހިތްހަމަޖެހުމެއް ނުލިބޭނެ ކަމަށް ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 46 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ޖަލްސާގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ފިކުރެއް ނެތި ދެއަތް އުރާލައިގެން ތިބެގެންނެއް ވެސް އުފަލާ ހިތްހަމަޖެހުމެއް ނުލިބޭނެ ކަމަށެވެ.

"...ހަނދާނަށް ގެންނަންވީ އަޅުގަނޑުމެން ކޮންމެ ރައްޔިތަކަށް ލިބިފައިވާ މިނިވަންކަން. އެ މިނިވަންކަމާއި އެކު އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިފައިވާ މަސްއޫލިއްޔަތު. އާދެ މިނިވަންކަމުން އުފަލާއި ހިތްހަމަޖެހުން ލިބޭނީ ވަކި ހައްދެއް ނެތި އެމިނިވަންކަން ދޫކޮށްލައިގެންނެއް ނޫން. އަދި ފިކުރެއް ނެތި ދެއަތް އުރާލައިގެން ތިބެގެންނެއް ވެސް ނޫން،" އުމަރު ވިދާޅުވިއެވެ.

މިނިވަންކަމާއި އަދުލުވެރިކަމާއި އެކު ދިރިއުޅުމަށާއި އިސްލާމްދީނުގެ ހިމާޔަތުގައި ތިބުމަށް އަބަދުވެސް ހަނދާން ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބުރާހީމް ނާސިރު ރަންނަބަނޑޭރިކިލެގެފާނު ރައީސްކަމުގެ ހުވައި ކުރެއްވި ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.