11 Nov 2014, 12:35
ރާއްޖެ އަށް ޑިމޮކްރަސީ ގެނެސްދީފައިވާ ބޭނުން ހިފަންވީ ގައުމުގެ ހަމަޖެހުމާއި އިޖުތިމާއީ އަދި އިގްތިޞާދީ ތަރައްގީގެ ދުވެލި ހަލުވިކޮށް، ތަހުޒީބާއި ތަމައްދުންގެ ރޮނގުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދެ ވަނަ ޖުމްހޫރީ ވެރިކަމަށް 47 އަހަރު ފުރުމުގެ މުނާސަބަތުގައި މަޖިލީހުގެ ރައީސް ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ "ޑިމޮކްރަސީ ރާއްޖެ އަށް ގެނެސްދީފައިވާ ވެށީގެ ބޭނުން ހިފަންވީ ގައުމުގެ ހަމަޖެހުމާއި އިޖުތިމާއީ އަދި އިގްތިޞާދީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް" ކަމަށެވެ.
ރައްޔިތުންގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އޮވެގެން ރާއްޖެ އަދާހަމަށް އައި އިރު، ރާއްޖޭގެ ޖުމްހޫރީ ނިޒާމަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ކަަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. އަދި އެ ނިޒާމު ވަނީ އެތައް ތަނެއް ހަރުދަނާވެގެން ގޮސްފައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.