ޗައިނާގެ ސިލްކް ރޫޓުގައި ރާއްޖެ އިން ބައިވެރިވުމަކީ ރާއްޖޭގެ އިސްތިގުލާލަށް އެއްވެސް ބުރުލެއް އަރާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ރާއްޖެ އިން ސިލްކް ރޫޓުގައި ބައިވެރިވީ ވިސްނުންތަކެއް ވިސްނުމަށް ފަހު ދިރާސާތަކެއް ކުރުމަށް ފަހު ބޮޑު އިންވެސްޓްމަންތަކެއް ގާއިމު ކުރެވޭނީ އެދޮރުން ކަމަށް ވާތީ ކަމަށާއި އެއީ ރާއްޖޭގެ އިސްތިގުލާލަށް އެއްވެސް ބުރުލެއް އަރާނެ ކަމެއް ނޫން ކަމަށެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ ފަޔާޒް މޫސާ

"ސިލްކް ރޫޓުގައި ބައިވެރިވުމަކީ ދިވެހި ރާއްޖޭގެ އިސްތިގުލާލަށް އެއްވެސް ބުރުލެއް އަރާނެ ކަމެއް ނޫން، ދިވެހި ރާއްޖޭގެ މިނިވަން ކަމަކަށް، ދިވެހި ރާއްޖޭގެ އިސްލާމީ ޝަހުސަށް އެއިގެން އެއްވެސް ގެއްލުމެއް ވާނެ ކަމެއް ނޫން،" ރައީސް އެވެ.

އެމަނިކުފާނު ވިދާޅުވީ ހުޅަނގަށް މަސް އެކްސްޕޯޓް ކުރާ ކަމަށްވާ ނަމަވެސް ވަކި ދީނަކަށް ދީން ބަދަލު ނުކުރާ ނަމަ ދަތިތަކެއް ކުރިމަތިވާ ކަމަށާއި ނަމަވެސް ޗައިނާ ސަރުކާރަށް އެފަދަ އެއްވެސް ދައްޗެއް ނުކުރާ ކަމަށެވެ.

"ސިލްކް ރޫޓުގައި ބަިއވެރިވުމުގެ ފުރުސަތު ދިވެހި ސަރުކާން ބަލައިގަތީ އިޖާބީ ގޮތެއްގައި އުފާވެރިކަމާއެކީ، ދިވެހި ސަރުކާރުން މި ސިލްކް ރޫޓުގައި ބައިވެރިވި މަގުސަދަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދަކީ ޗައިނާ، މިއީ ދެބަސްވެވޭނެ ވާހަކައެއް ނޫން. އަދި އެންމެ ބާރަށް ކުރިއަށްދާ އިގްތިސާދަކީ ޗައިނާގެ އިގްތިސާދު، ޗައިނާގެ އިގްތިސާދުގައި އަޅުގަނޑުމެން ދިވެހި ރާއްޖޭގައި އިގްތިސާދީ ދައުލަތުގެ ގޮތުގައި ތިބޭ އިރު ހުޅަނގުގެ އިސްތިއުމާރީ ބާރުތަކުގެ މީހުންނަށް އިގްތިސާދީ ކަންކަމުގައި ބައިވެރިވުމުގައި މިހުންނަ ގޮންޖެހުންތަކެއް ނުހުރޭ،" ރައީސްލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްއްހޫރިއްޔާ ވިދާޅުވީ އިސްލާމީ ތަރައްގީގެ މަތީގައި ދިވެހި އުންމަތް ތާއަބަދަށް ދެމިއޮތުމަށް ޓަކައި ކުރާ މަސައްކަތްތައް ވަރަށް ބާރަށް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސްކޫލް ސިސްޓަމްގެ އާ މަންހަޖެއް ހަދައި ﷲގެ ރަހުމަތާ އެކީ އެކަމުގެ އިންގިލާބީ ބަދަލުތައް އަންނަ އަހަރު ފެނިގެންދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ ފަޔާޒް މޫސާ

"ދިވެހި ރާއްޖޭގެ ރޫހާނީ ދުޅަހެޔޮކަން އާލާ ކުރުމަށް ޓަކައި އާ އިތުރު މަސައްކަތްތަކެއް ފެށިގެން މިދަނީ އަދި ހަމައެއާއެކީ ދިވެހި މިޖީލަކީ އިސްލާމީ ސަޚުސަތުގެ މަތީގައި ތިބޭ ޖީލަކަށް ހެދުމަށް ޓަކައި އަޅުގަނޑުމެން ސަރުކާރުން މިވަނީ އިތުރު މަސައްކަތްތަކެއް ފަށާފައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.