މަދަނީ ހުކުމްތައް ތަންފީޒު ކުރުމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ސަން' އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ބަންޑާރަ ނައިބު ވިދާޅުވީ، މަދަނީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މައްސަލަތައް ލަސްވުމާއި ކުރެވޭ ހުކުމްތައް ތަންފީޒު ކުރުމުގައި ދިމާވާ މައްސަލަތައް ކަމަށެވެ.

އެހެންކަމުން މަދަނީ ހުކުމްތައް ތަންފިޒު ކުރުމާ ބެހޭ ބިލް ތައްޔާރުކުރަމުން ގެންދަނީ އެކަންކަމަށް ހައްލުލިބޭނެ ގޮތްތަކެއް އެކަށައެޅުމަށް ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

އެ ބިލްގެ އިތުރުން މަދަނީ އިޖުރާއަތުގެ ބިލް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެ ދެ ބިލަކީ އަންނަ އަހަރު އެންމެ އިސްކަމެއްދީގެން ކުރުމަށް އަމާޒުކޮށްފައިވާ މަސައްކަތް ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

"މަދަނީ އަދުލުގެ ނިޒާމުގެ މުހިންމު ބިލެއް އެބައޮތް. މަދަނީ އަދުލުގެ ނިޒާމްގެ މައި ބަދަޔަށް ވެގެންދާނެ އޭގެ ޕްރޮސީޖާ. ސިވިލް ޕްރޮސީޖާ ކޯޑު. އެހެންވީމަ އެ ބިލްގެ މަސައްކަތް މިއަންނަ އަހަރު އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް އަމާޒަކަށްވާނެ. އެ ގާނޫނާ އެކީގައި ފޮނުވޭތޯ މިގެންދަނީ ޖަޖްމެންޓް އެންފޯސްމަންޓް، އެހެންގޮތަކަށް ދަންނަވަނީނަމަ މަދަނީ ހުކުމްތައް ތަންފީޒުކުރެވޭނެ ނިޒާމެއްގާއިމްކުރުމުގެ ގާނޫނު،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ، ބޭރު ގައުމުތަކުގައި ބޭނުންކުރާ ގާނޫނުތައް ތަރުޖަމާކޮށްގެން ބިލް ޑްރާފްޓު ކުރުމަކީ ސަރުކާރުން ކުރަންބޭނުންވާ ކަމެއްނޫން ކަމަށެވެ. އޭގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކާ ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވި އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަމާ ގުޅުންހުރިގޮތަކަށް ބިލްތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ބޭރުގެ ތަނެއްގައި އޮތް ގާނޫނެއް ގެނެސް އަޅުގަނޑުމެންގެ ތެރެއަށް އިމްޕޯޓު ކުރާކަށް. އޭގެބަދަލުގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވި އަޅުގަނޑުމެންގެ ތެރޭގައި ހުރި ކަންކަން ދެނެގަނެ. އެއާ ގުޅުންހުރި ގޮތަކަށް އެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް މިގެންދަނީ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.