މި އަހަރުގެ އޮކްޓޯބަރު މަހު ދައުލަތުގެ އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 675.3 މިލިއަން ރުފިޔާ ލިބި ކުރީ އަހަރުގެ އެ މަހު ލިބުނު އާމްދަނީ އަށް ވުރެ 13.4 ޕަސެންޓް އިތުރުވެއްޖެ އެވެ.

މި އަހަރު އޮކްޓޫބަރު މަހު ލިބުނު އާމްދަނީގެ ތެރޭގައި 27.2 މިލިއަން ޑޮލަރު ހިމެނޭ ކަމަށް ވެސް މީރާ އިން ބުންޏެވެ.

އޮކްޓޯބަރު މަހުގައި ލިބިފައިވާ އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކަކީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގައި ބަލައިގަނެފައިނުވާ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ މި އަހަރު އޮކްޓޯބަރު ބަލައިގަނެފައި ވުމުންނާނި ގިނަ އަދަދަކަށް ބީޕީޓީގެ ފައިސާ ބަލައިގަނެފައި ވުމުން ކަމަށް މީރާ އިން ބުނެ އެވެ. އޭގެ އިތުރުން ޖޫރިމަނާގެ ގޮތުގައި ބަލައިގަތް ފައިސާގެ އަދަދު ވެސް ވަނީ ވޭތުވެ ދިޔަ އަހަރާ އަޅާ ބަލާ އިރު އިތުރުވެފައި ކަމަށް މީރާ އިން ބުނެ އެވެ.

ވޭތުވެ ދިޔަ އޮކްޓޯބަރު މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ ޖީއެސްޓީ އިން ކަމަށާއި ޖީއެސްޓީގެ ގޮތުގައި ޖުމްލަ 367.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުނެ އެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓޫރިޒަމް ޓެކުހުން ކަމަށާއި ޓޫރިޒަމް ޓެކުހުގެ ގޮތުގައި ޖުމްލަ 64.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުނެ އެވެ.

އޭގެ އިތުރުން ލީސް ޕީރިއަޑްސް އެކްތެންޝަން ފީގެ ގޮތުގައި 60.4 މިލިއަން ރުފިޔާ އާއި ބީޕީޓީގެ ގޮތުގައި 51.9 މިލިއަން ރުފިޔާ އަދި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި 37.0 މިލިއަން ރުފިޔާ މީރާ އަށް ލިބިފައިވެ އެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މީރާއަށް ޖުމްލަ 9.7 ބިލިއަން ރުފިޔާ ބަލައިގަނެފައިވެ އެވެ. އެއީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް ބަލައިގަތް އާމްދަނީއާ އަޅާ ބަލާއިރު 25.3 އިތުރު އަދަދެކެވެ.