27 Jan 2011, 15:09
މޯލްޑިވިއަން އެއާ ޓެކްސީން ދަތުރުކުރި ފަސިންޖަރަކު ބޯޓު ތެރޭ މިއަދު މަރުވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު އެއާ ޓެކްސީ ތެރޭ މަރުވީ ރިސޯޓެއްގައި ހުއްޓާ ހާލު ދެރަވެގެން މާލެ ގެންދިޔަ ބިދޭސީ ޑޮކްޓަރެކެވެ. ނަމަވެސް، އެއީ ކޮން ރިސޯޓެއް ކަމާއި، އަދި މަރުވި މީހާ ނިސްބަތްވަނީ ކޮން ގައުމަކަށް ކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އެއާ ޓެކްސީން އޭނާ މާލެ ގެނައުމަށް ފަހު ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އައްފާލް މިއަދު ވިދާޅުވީ، އެމީހާ ހޮސްޕިޓަލަށް ގެނައީ މިއަދު ހެނދުނު 8:50 އެހާކަންހާއިރު ކަމަށާއި ހޮސްޕިޓަލަށް ގެނައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
"އޭނަ މިކޮޅަށް ގެނައިއިރު ވެސް ނޭވާ ނުލައި. ޕަލްސް ]ވިންދު[ ވެސް ނެތް. ޑޮކްޓަރުން ވަރަށް މަސައްކަތްކުރި ޕަލްސް އަނބުރާ ގެނެވޭތޯ. އެކަމަކު އެންމެފަހު އުއްމީދު ކަނޑާލީ،" އައްފާލު ވިދާޅުވި އެވެ.
އައްފާލު ވިދާޅުވި ގޮތުގައި އޭނާ މަރުވި ކަމަށް ބެލެވެނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.
އެއާޓެކްސީ ބޯޓު ތެރޭ މިއަދު ހެނދުނު މަރުވި އެމީހާ އާ ގުޅޭ ގޮތުން އެއާ ޓެކްސީގެ ފަރާތުން އަދި އެއްވެސް ތަފްސީލެއް ނުލިބެ އެވެ. އެކުންފުނީގެ އޮފިޝަލަކު ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ދެ ގަޑިއިރު ފަހުން ގުޅާލުމަށެވެ.
ފުލުހުންނަށް ގުޅާލުމުން ބުނީ، އަދި މިހާތަނަށް އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ.