ދަރުމަވަންތަ ސްކޫލް ބާވެ، އެތަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުގެ ސަބަބުން އާ އިމާރާތެއް ފަރުމާކޮށް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރުމާ ގުޅިގެން ހަތް ފަރާތަކުން އެ މަސައްކަތަށް ކުރިމަތިލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ސްކޫލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ބީލަމަށް ލުމުން 17 ފަރާތަކުން މައުލޫމާތު ސާފު ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން ހަތް ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށެވެ.

އެ މިނިސްޓްރީ އިން ބުނީ، އެ ސްކޫލުގެ އާ އިމާރާތެއް އަޅަނީ އެ ސްކޫލުގެ އަމީރު އަހުމަދުމަގާވީ ފަރާތުގެ ބްލޮކްގެ ފުރަތަމަ ފަންގިފިލާގައި ހިމެނޭ ކްލާސްރޫމެއްގެ ކޮންކްރީޓްގެ ބައެއް ވެއްޓި މި އަހަރުގެ މޭމަހު ދަރިވަރެއްގެ ގައިގައި ޖެހިފައިވުމުން ކަމަށެވެ. އަދި ބުނެފައި ވަނީ، ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތެއް އަޅަނީ އެ ސްކޫލްގެ އިމާރާތުގެ ހާލަތު ދެނެގަތުމަށް ކުރި ސާވޭ އިން އެ އިމާރާތަކީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ އިމާރާތެއްކަން އެ މިނިސްޓްރީ އަށް ފާހަގަކުރެވިފައިވުމުން ކަމަށެވެ.

އެ ސްކޫލްގެ އާ އިމާރާތް ވަގުތީ އިމާރާތެއްގެ ގޮތުގައި ހަދަނީ، އެޑިޔުކޭޝަނުން ބުނި ގޮތުގައި، ވެލާނާގޭގެ ދެކުނުން އަދި ޓްރޭޑާސް ހޮޓަލުގެ ހުޅަނގަށް އޮންނަ ހުސްބިމުގަ އެވެ. ނަމަވެސް އެއީ ކިތައް ބުރީގެ އިމާރާތެއް ކަމެއް އަދި އެ ތަނަށް ބީލަން ހުށަހެޅި ފަރާތްތަކުން އެ މަސައްކަތް ކޮށްދިނުމަށް ހުށަހަޅާފައިވާ އަގުތަކެއް އެޑިޔުކޭޝަނަކުން ނުބުނެ އެވެ.