ޕާކިސްތާނުގައި މިއަދު ފަށާ، ތިން ވަނަ އަންހެން ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު، ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް ލައްވާލައިފި އެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެ ވާދަކުރާން ޖެހޭ ގްރޫޕް 'އޭ'ގައި ރާއްޖެއާއި އިންޑިއާގެ އިތުރުން ހިމެނެނީ، އަފްޣާނިސްތާނާއި، ބަންގުލަދޭޝް އެވެ. މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ، އިސްލާމް އާބާދުގެ ޖިނާހު ސްޓޭޑިއަމްގައެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެނޭޖަރުންގެ ބައްދަލުވުމުގައި އިއްޔެ މުބާރާތުގެ ގުރުއަތުލުން ބާއްވާފައި ވާއިރު، ގްރޫޕް 'އޭ'ގައި ރާއްޖެ ކުޅެން ޖެހޭ ފުރަތަމަ މެޗު، މި މަހުގެ 13 ވަނަ ދުވަހު، 11:00ގައި ކުޅޭން ހަމަޖެހިފައިވާއިރު، ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މިމަހުގެ 15 ވަނަ ދުވަހު 11:00ގައި ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި، މިމަހުގެ 17 ވަނަ ދުވަހުގެ 2:30ގައި ނުކުންނާނީ، ބަންގުލަދޭޝްއާ ދެކޮޅަށެވެ.

މި މުބާރާތް 2010 ގާ އިފްތިތާހު ކޮށްފައި ވާއިރު، އަދި މިހާތަނަށް މި މުބާރާތް ކުޅެވިފައި ވަނީ 2010 ވަނަ އަހަރާއި 2012 ވަނަ އަހަރު އެވެ. މި ދެ އަހަރުވެސް މުބާރާތުގެ ޗެންޕިއަންކަން ހޯދާފައި ވަނީ އިންޑިއާއިންނެވެ. އަދި މުބަރާތުގެ ދެވަނަ މަގާމް މި ދެއަހަރުވެސް ހޯދާފައި ވަނީ ނޭޕާލުންނެވެ.

ރާއްޖޭގެ އަންހެން ގައުމީ ޓީމް މި އަހަރުގެ ސެޕްޓެމްބަރު މަހު އޭޝިއަންސް ގޭމްސްގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެފައި ވަނީ 15-0 ގެ ހިތި ނަތީޖާއަކުންނެވެ. އަދި 2012 ވަނަ އަހަރުވެސް މި މުބާރާތުގައި ރާއްޖެއިން ބަިއވެރިވެފައި ވާއިރު، އެ އަހަރު ރާއްޖެ ޓީމުން މުބާރާތް ނިންމާލަން ޖެހިފައި ވަނީ ގްރޫޕް ސްޓޭޖްގައި އެއް ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައި އޮވެގެނެވެ.

މިއަހަރުގެ ސާފް ޝެންޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމް ވަނީ ގިނަ ތައްޔާރީތަކެއް ވެފައެވެ. އެގޮތުން ރާއްޖޭގެ ޓީމުން ވަނީ މިދިޔަ މަހު ތައިލޭންޑްގައިވެސް ތަމްރީނުތަކެއް ހަދާފައެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ޓީމް ވަނީ މިމަހުގެ އަށްވަނަ ދުވަހު ޕާކިސްތާނަށް ފުރާފައެވެ. ސްކޮޑުގައި ހިމެނޭ 22 ކުޅުންތެރިންގެ އިތުރުން، ހަތް އޮފިޝަލުންވެސް މި ދަތުރުގައި ބައިވެރިވެފައި ވެއެވެ.

މިފަހަރު ރާއްޖޭގެ އަންހެން ގައުމީ ޓީމަށް އިރުޝާދު ދޭން ޓީމާ ހަވާލުވެފައި ވަނީ ޖަޕާންގެ ކޯޗެއް ކަމަށްވާ ނައޯކޯ ކަވަމޯޓޯ އެވެ.