ޖިނާއީ އިޖުރާއަތުގެ ބިލް މިހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު ވިދާޅުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލް ހުށަހެޅިފައި އޮތްނަމަވެސް މަޖިލީހުގެ ދައުރު ނިމިގެންދިޔައީ އެ ބިލް ފާސްނުކޮށް ކަމަށެވެ.

އެބިލް ކުރިން އޮތްގޮތަށް އަލުން މަޖިލީހަށް ހުށަހެޅުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި އެހެންނަމަވެސް އޭގެބަދަލުގައި ކަމާ ބެހޭ ފަރާތްތަކާ ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު އެ ބިލް އިސްލާހުކުރަން ނިންމީކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވީސް އެ ބިލްގެ ހިރަފުސް ފޮޅާޅާފައި ހުށަހެޅުން. އެހެންނަމަވެސް އަޅުގަނޑުމެން މި މަސައްކަތް ވަރަށް ކުރީ ފުޅާދައިރާއެއްގައި ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު. އެބިލަށް އެއިރުވެސް މަޖިލީހުގައި އޮތްއިރުވެސް ފާހަގަކުރެވުނު ގާނޫނީ މައްސަލަތަކާ އެހެނިހެން ހިންގުމުގެ މައްސަލަތައް ފާހަގަކޮށް، އޭގައި ހިމެނިފައި ނެތް މައްސަލަތައް ފާހަގަކޮށް އެބިލަށް ނެގްނަންޖެހޭ ބަދަލުތައް ގެނައުން،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައްޔާއި ދައުވާ އުފުލުމާއި ޝަރީއަތް ކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ.