11 Nov 2014, 09:37
ހެއްކާ ބެހޭ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެޓާނީޖެނެރަލްގެ އޮފީހުން ހުޅުވާލައިފި އެވެ.
އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ޒަމާނަށްފެތޭ ހެއްކާ ބެހޭ ބިލެއް ޑްރާފްޓުކުރުމަށް ފަހު ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ބަންޑަރަ ނައިބު ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިހާރު އޮތް ހެއްކާ ބެހޭ ގާނޫނަކީ ރަނގަޅުގޮތުގައި ބޭނުންކުރެވިދާނެ ގާނޫނެއް ކަމަށެވެ. އެހެންނަމަވެސް އެއްއަށް ވުރެ ފުރިހަމަ ތަފްސީލީ ގާނޫނެއް އޮންނަން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރާތީ އެފަދަ ބިލެއް ޑްރާފްޓުކޮށް ޚިޔާލު ހޯދުމަށް ހުޅުވާލީ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
"ބައެއް ފަރާތްތަކުން އެއަށް ވުރެ ފުރިހަމަ ތަފްސީލީ ގާނޫނެއް އޮންނަންޖެހޭ ކަމަށް ފާހަގަކުރައްވާތީ އާއެކީ ޒަމާނަށްފެތޭ ބިލެއް އެކުލަވާލައި އެ ބިލަށް މިހާރު އަޅުގަނޑުމެން ވާނީ ކޮމެންޓަށް ހުށަހެޅިފައި،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
މިހާރު ރާއްޖޭގައި އަމަލުކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނަކީ 1976 ވަނަ އަހަރު ވުޖޫދަށް އައި ގާނޫނެކެވެ. އެ ގާނޫނަކީ އެންމެ ދެ ސޮފްހާގެ މައްޗަށް އެކުލެވިގެންވާ ގާނޫނެކެވެ.