ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނު ޒަމާނާއެއްގޮތަށް ބަދަލުކުރުމަށްޓަކައި އެކަމާ ބެހޭ އާ ބިލެއް ޑްރާފްޓު ކުރަމުން އަންނަ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނަކީ 1991 ވަނަ އަހަރު އެކުލަވާލެވި އަމަލުކުރެވެމުންދާ ގާނޫނެއް ކަމަށެވެ. އަދި ވިދާޅުވީ ޒަމާނާއެއްގޮތަށް އެ ގާނޫނު ބަދަލުކުރަން ޖެހޭ ކަމަށާއި ޔުނިސެފާ ގުޅިގެން އެ ގާނޫނުގެ ޑްރާފްޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަތާ އަހަރެއް ވެއްޖެ ކަމަށެވެ.

"އެއީ ވަރަށް ކުރީގަ މި ގާނޫނު އަސާސީއަށްވުރެ ވެސް ކުރީގައި، އެކިއެކި މުޖުތަމައުއަށް މިއައި ބޮޑެތި ބަދަލުތަކަށްވުރެ ވެސް މާ ކުރީގެ ގާނޫނެއް. ޒަމާނަށް އެ ގާނޫނު ފައްތަންޖެހޭ،" ބަންޑާރަ ނައިބު ވިދާޅިވި އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާއާ ގުޅުން ހުރި ޕްރޮޓޮކޯލްތަކުގެ ދަށުން ވެސް ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި ކަމަށެވެ. އެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި މިއަހަރުގެ ނިޔަލަށް އެ ގާނޫނުގެ އާ ޑްރާފްޓު އެކުލަވާލައި ނިންމަލުމަކީ އަމާޒެއް ކަމަށް ވެސް ބަންޑަރަ ނައިބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ނިޔަލަށް އެ ގާނޫނު ނިންމުމުގެ އަމާޒުހިފައިގެން މިއުޅެނީ،" ބަންޑަރަ ނައިބު ވިދާޅުވި އެވެ.