11 Nov 2014, 09:32
ސަރުކާރުން ސަބްސިޑީޒްދޭ އުސޫލު އަލުން ރިވައިސްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެ އެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޖަމީލް ވިދާޅުވީ ޓެކްސްގެ ނިޒާމް އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު ސަބްސިޑީޒްދޭ އުސޫލުވެސް އަލުން ރިވައިސް ކުރަންޖެހޭ ކަމަށެވެ.
ސަބްސިޑީޒް ދޭންޖެހޭނީ ހަމައެކަނި ހަގީގީ ނިކަމެތިންނަށް ކަމަށާއި މިހާރު ސަބްސިޑީޒްގެ ގޮތުގައި ފައިސާ ދެވެމުން އަންނަ އުސޫލު އަލުންރިވައިސްކޮށް އެގޮތުގެމަތިން އެކަންކުރެވޭތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޓެކްސް ނިޒާމް އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ހަމައެއާއެކު އަޅުގަނޑުމެން ސޯޝަލް ޕްރޮޓެކްޝަންގެ ގޮތުގައި މިދޭ ސަބްސިޑީޒްތައް އަޅުގަނޑުމެން އެބަޖެހޭ ރިވައިސްކުރަން. އަޅުގަނޑުމެން އެބަޖެހޭ މި [ސަބްސިޑީޒް] މިދެވެނީ ހަގީގީ ނިކަމެތިންނަށްތޯ. ޚާއްސަކޮށް 3.2 ބިލިއަންރުފިޔާ އަޅުގަނޑުމެން ރައްޔިތުންނަށް ބަހާލާއިރު، މިއީ ހަގީގީ ފަގީރުންތޯ އަޅުގަނޑުމެން ބަލަން އެބަޖެހޭ،" ޖަމީލް ވިދާޅުވިއެވެ.
ސަބްސިޑީޒްދޭ އުސޫލު އަލުން ރިވައިސްކޮށް ފަގީރުންނަކީ ކޮބައިތޯ ބަލައި ފަގީރުންނަށް ހައްގުވެގެންވާ އިނާޔަތްތައް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްކޮށްދެއްވުމަށް ޖަމީލު ވަނީ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.
"އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ވެސް ގޮވާލަން ބޭނުންވަނީ މި ސިސްޓަމް އަޅުގަނޑުމެން އަލުން ރިވައިސްކުރުމަށްފަހު އަޅުގަނޑުމެންގެ ބަޖެޓުގައި ހިމެނޭ 3.2 ބިލިއަން ރުފިޔާ އޭގެ ހައްގުވެރިންނަށް ރައްދުކޮށްދޭށޭ،" ޖަމީލް ވިދާޅުވިއެވެ.