11 Nov 2014, 09:28
އަންނަ އަހަރު ވެސް ޓީޗަރުންގެ މުސާރަ ބޮޑު ނުކުރަން ބަޖެޓްކޮށްފައި ނުވާތީ ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އިއްޔެ ވިދާޅުވީ، އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި ސިވިލްސާވަންޓުންގެ މުސާރަ ބޮޑުކުރަން ފައިސާ ހިމަނާފައި ނުވާނެ ކަމަށެވެ.
ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފް އަބްދުލް ހަކީމް "ސަން"އަށް ވިދާޅުވީ ޓީޗަރުން އަބަދުވެސް ދައްކަމުންދާ ވާހަކައަކީ އެބޭފުޅުންގެ ހައްގެއް ނިގުޅައިގަނެވިފައި ވާތީ އެ ހައްގު ހޯދުމުގެ ވާހަކަ ކަމަށެވެ. އަންނަ އަހަރު ވެސް ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ނައިބު ރައީސް ޖަމީލް ވިދާޅުވެފައިވާނެ ދައުލަތުގެ އާމްދަނީ ރަނގަޅު ވެއްޖެ ނަމަ އެންމެ ފުރަތަމަ ވެސް ބޮޑުކޮށްދޭނީ ޓީޗަރުންގެ މުސާރައޭ. އެހެން ނަމަވެސް މީރާގެ ތަފާތު ހިސާބުތަކަށް މިހާރު ވެސް ބަލައިފި ނަމަ ރާއްޖޭގެ އާމްދަނީ މިއަހަރު ވެސް ރަނގަޅު،" ޗާސް އެސޯސިއޭޝަންގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރު ވެސް ޓީޗަރުންގެ މުސާރަ ބޮޑު ނުވާނެ ކަމަށް ބަޖެޓުން އެނގެން އޮތުމުން އެ މައްސަލާގައި ގޮތެއް ނިންމާނީ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ އެ އެސޯސިއޭޝަންގެ ބައްދަލުވުމެއްގައި ކަމަށެވެ.
ޓީޗަރުންގެ މުސާރާގެ މައްސަލާގައި މިދިޔަ ސެޕްޓެމްބަރު މަހު އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ޓީޗާސް އެސޯސިއޭޝަނުން ހުށަހެޅި ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލާފަ އެވެ.
އެކަމާ ގުޅޭ ގޮތުން އާތިފް ވިދާޅުވީ، އެ އޮނިގަނޑު ހޯދުމަށް އެ މިނިސްޓްރީގައި އެދިފައިވާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެހެންކަމުން އެ އޮނިގަނޑަކީ ޓީޗާސް އެސޯސިއޭޝަނާ މަޝްވަރާކޮށްގެން އެކުލަވާލި އޮނިގަނޑުކަން ގަބޫލު ކުރަން ދަތި ކަމަށް އާތިފް ވިދާޅުވި އެވެ.