11 Nov 2014, 02:35
މަގުމަތިން ހިނގާފައި ދިޔަ މާބަނޑު އަންހެނަކަށް އަނިޔާކޮށް، އެ މީހާގެ އަތްދަބަސް ފޭރިގަނެގެން ފިލަން އުޅުނު ޒުވާނަކު އާންމުންގެ ބަޔަކު ވެގެން އަތުލައިގަނެ ފުލުހުނާ ހަވާލުކޮށްފި އެވެ.
ރަށްދެބައިމަގު، ބޮޑުފެންވަޅުގޭ ކައިރިން ހިނގާފައި ދިޔަ މާބަނޑު އަންހެނެއްގެ އަތް ދަބަސް ފޭރިގަނެގެން ފިލަން އުޅުނު ޒުވާނާ އަތުލައިގަތީ މިރޭ މެންދަމު އެކެއް ޖަހަން އުޅެނިކޮށެވެ.
މަންޒަރު ދުށް މީހުން "ސަން"އަށް ކިޔައިދިން ގޮތުގައި، ރަށްދެބައިމަގުން އެ އަންހެން މީހާ ހިނގާފައި ދަނިކޮށް، ބޮޑުފެންވަޅުގެއާ އަރާ ހަމަވިތަނާ ސައިކަލެއްގައި އައި ދެ މީހުންގެ ތެރެއިން އެކަކު ސައިކަލުން ފުއްމާލައިގެން ގޮސް، މާބަނޑު އަންހެން މީހާގެ ބަނޑުމަތީ ޖެހި އެވެ. އެ އަންހެން މީހާ އަށް އަނިޔާ ކުރުމަށް ފަހު އޭނާގެ އަތް ދަބަސް ފޭރިގަނެގެން ފިލަން ވެގެން އެ ޒުވާނާ ބިހުރޯޒު ކަމަނާ މިސްކިތުގެ ގޯތިތެރެއަށް ވަދެ އޮއްވައި އޭނާ އަތުލައިގަތީ އެ ސަރަހައްދުގައި ތިބި ބަޔަކު ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. އަދި އެ ޒުވާނާ އަތުލައިގަނެ "ވަރަކަށް ތަޅާލި" ކަމަށް މަންޒަރު ދުށް މީހުން "ސަން"އަށް ކިޔައިދިނެވެ.

"އެ މީހާ އަންހެން މީހާއަށް ހަމަލާދިނުމަށް ފަހު، ދަބަސް ފޭރިގަނެގެން މިސްކިތު ގޯތިތެރެއަށް ވަދެ ފިލަން އުޅުނީ. މިސްކިތުގެ ގޯތިރެތެއިން އަނެއް ފަރާތަށް ގޮސް ފާރުމަތިން ފުންމާލައިގެން ދާން އުޅެނިކޮށް މިތާ ތިބި ކުދި ބަޔަކު އޭނާ އަތިލައިގަނެ، ކޮންމެވެސް ވަރަކަށް އަނިޔާވެސް ކޮށްގެން ފުލުހުން އަންނަން ދެން އޭނާ މައިތިރި ކުރުވީ،" މަންޒަރު ދުށް މީހަކު ބުންޏެވެ.
"ސަން"ގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު، އަތް ދަބަސް ފޭރުނު ކަމަށް ބުނާ ޒުވާނާ އޮތީ، ބިން މައްޗަށް ވެއްޓިފަ އެވެ. އޭނާ ބިންމަތިން ނެގީ ފުލުހުންނެވެ. އާންމުންގެ ބަޔަކު އޭނާއަށް އަނިޔާކުރި ކަމަށް މަންޒަރު ދުށް މީހުން ބުންނި ނަމަވެސް، އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ޒަހަމެއް ފެންނާކަށް ނެތެވެ.

އެ ހާދިސާގައި އަނިޔާވި މާބަނޑު އަންހެން މީހާ ވަނީ އޭނާގެ ގެއަށް ގެންގޮސްފަ އެވެ. އެ އަންހެން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.