11 Nov 2014, 00:45
ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހިނގާލުމުގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ދުއްވި ސައިކަލްގެ ކުރީ ބައިގައި ނަންބަރުބޯޑު ނުޖަހައި ގަވާއިދާ ޚިލާފަށް ދުއްވިކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.
ފުލުހުން މިރޭ އާންމުކުރި ބަޔާނެއްގައި ވަނީ އެދުވަހުގެ ސައިކަލު ބުރުގައި ބައިވެރިވި މީހުންގެ ތެރެއިން މީހެއްގެ ސައިކަލުގެ ކުރީ ބައިގެ ނަންބަރުބޯޑު މަގުމަތީގައި އޮތްކަން އާއްމު ފަރާތަކުން އެވަގުތު މަގުމަތި ބަލަހައްޓަން ތިބި ފުލުހުންނަށް އެންގުމާ އެކު އެ ނަމްބޯޑުގެ ވެރިފަރާތް ހޯދުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ފުލުހުން ކުރި މަސައްކަތުން އެނގުނު ގޮތުގައި އެ ނަންބަރުބޯޑަކީ ޓޫރިޒަމް މިނިސްޓަރު އަދީބު އެދުވަހު ދުއްވި ސައިކަލްގެ ނަންބަރުބޯޑު ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ. އަދި އޭނާ ދުއްވި ސައިކަލުގެ ފަހަތު ނަންބަރުބޯޑު ހުރި ކަމަށާއި ކުރީ ބައިގެ ނަންބަރުބޯޑު ވެއްޓިފައި ވަނީ ސައިކަލު ބުރު ފެށި ހިސާބުން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ އަދީބު ދުއްވި ސައިކަލުގެ ކުރީ ނަންބަރުބޯޑު މަގުމަތީގައި ވެއްޓިފައި އޮއްވައި ފެނުނުމާ އެކު އެ ނަންބަރުބޯޑު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.