މިއަދު ހެނދުނުން ފެށިގެން ބޯކޮށް ވާރޭވެހި މާލޭގެ ބޮޑުބައެއްގައި ފެންބޮޑުވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖާ އަބްދުއްރަހީމް މިއަދު ވިދާޅުވީ ހެނދުނުން ފެށިގެން ބޯކޮށް ވާރޭވެހެމުން ދިޔުމުގެ ސަބަބުން މާލޭގެ ބޮޑުބައެއްގައި ފެންބޮޑުވެފައިވާ ކަމަށާއި އެފެންގަނޑު ހިއްކުމުގެ މަސައްކަތް މާލޭގެ ދެ ސަރަހައްދެއްގައި ޕަންފު ބަހައްޓައިގެން ކުރިއަށްދާ ކަމަށެވެ.
~
އަބްދުއްރަހީމް ވިދާޅުވީ އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ -ވާރޭކޮޅެއް ވެހިލާ އިރަށް ފެންބޮޑުވާ- ގިޔާސުއްދީން ސުކޫލު ކައިރީގައި ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ގިޔާސުއްދީން ސުކޫލުކައިރީގަޔާއި ވެސްޓްޕާކް ކައިރީގައި ޕަންޕް ބަހައްޓައިގެން ފެންގަނޑު ހިންދުމުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ،" އަބުދުއްރަހީމް ވިދާޅުވި އެވެ.

މިއަދު ހެނދުނު އާދަޔާ ހިލާފަށް ބޯކޮށް މާލެ އަށް ވެހުނު ވާރޭގައި އެއްވެސް މީހަކަށް އަދި އެއްޗަކަށް ވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިއަދު ހެނދުނުގެ ވަގުތެއްގައި މާލެއާ ކައިރިން ފަޅުތެރޭގައި މުށިމަސް ބާނަން ތިބި ބައެއްގެ ގަޔަށް ވަނީ ހޮނުއަޅައިފަ އެވެ.

މިހާރު ކުރަމުން މިދާ ވިއްސާރައާ ގުޅޭގޮތުން މީޓީއޮރޮލޮޖިކަލް ސެންޓަރުގެ އޮފިޝަލް އަހުމަދު އަފްޒަލް މިއަދު ވިދާޅުވީ ހެނދުނު 8:15 ފެށިގެން މިއަދުގެ 11 ޖެހުމާ ހަމައަށް 34.7 މިލި މީޓަރުގެ ވާރޭ މާލެ އަށް ވެހިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ވެސް ވިއްސާރަ ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައަކީ މި ސަރަހައްދުގައި އުފެދިފައިވާ ބޯ ވިއްސާރަ ވިލާތަކުގެ ސަބަބުން ކުރަމުންދާ މޫސުމީ ވިއްސާރައެއް ކަމަށެވެ.

ވާރޭ ވެހުމުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ އާ ގުޅޭ ގޮތުން މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ، ފައިސާ އާއި މީހުން ހުރިވަރަކުން ކާނުތަކާއި މަގުތައް އަބަދުވެސް ސާފުކުރަމުން އަންނަ ކަމަށާއި އެގޮތުން މިދިޔަ އަހަރު ވެސް ކާނުތައް ސާފޮކޮށްފައިވާ ވާކަމަށެވެ. އަދި މަގުތަކުގައި ފެންހެދެނީ މާލެ ތޮއްޖެހި، ވެހޭ ހާ ހުރިހާ ފެނެއް މަގުމައްޗަށް ހިންދުމަށް ދޫކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ އެތައް އަހަރެއް ވަންދެން އެ އޮތީ މަގުތަކުގައި އަތްވެސް ނުލައި. އެކަމަކު އަޅުގަނޑުމެން 2009 އިން ފެށިގެން ފައިސާ އާއި މީހުން ހުރިވަރަކުން މަސައްކަތް ކުރަމުން މިދަނީ،" އާދަމް މަނިކު ވިދާޅުވި އެވެ.