މައްޗަންގޮޅީ ގެއެއްގެ ކުލީ ކޮޓަރިއެއްގައި ހަށި ވިއްކި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މިރޭ 10:53 އެހައިކަންހާއިރު މއ. މޭފެއާގޭގެ ފުރަތަމަ ބުރީގައި ހަށިވިއްކަމުން ދިޔަ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައި ވަނީ، އަންހެނަކާއި ތިން ފިރިހެނުން ކަމަށެވެ. ހައްޔަރުކުރި ފިރިހެނުންގެ ތެރެއިން އެކަކީ ބަންގްލަދޭޝް މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ގެ ބަލާ ފާސްކުރިއިރު ޖިންސީ ގުޅުން ހިންގަން ބޭނުންކުރާ ބައެއް ތަކެއްޗާއި ޖިންސީ އެދުން ފުއްދުމަށް ބޭނުންކުރާ ބައެއް އާލާތްތައް ވެސް އެމީހުން ތިބި ކޮޓަރިން ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.