10 Nov 2014, 20:27
މާލޭ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މާލޭ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ދިރާގު ހެޑް އޮފީސް ކުރިމަތީގައި މިއަދު އޮތް ރަސްމިއްޔާތުގައި ކާނުތައް ސާފުކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ، ހައުސިން މިިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީނެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަންދެން މަގުތަކުގެ ކާނުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާއެވެ. އެ އެއްބަސްވުމުގައި ސަރުކާރާއި އެމްއާރުޑީސީއާ އެކު ސޮއިކޮށްފައި ވަނީ މިއަދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ ކާނުތައް ސާފުކުރުމުގެ މަސައްކަތުގެ އިތުރުން މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ އެންވާރަމަންޓް މިނިސްޓްރީއާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި މަގުތަކުގެ ކާނުތައް ސާފުކުރުމާއި ފެން ހިންދުމުގެ މަސައްކަތާ އެކު މާލޭ ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކާނުތަކުން ޗަކަ ނަގާ ސާފުކުރުމަކުން އަދި ހައްލެއް ނާދޭ. އެހެންކަމުން އެންމެ ބޮޑަށް ފެންބޮޑުވާ މަގުތަކާ ގުޅިފައިވާ ގޯޅިތައް ހިމެނޭ ގޮތުން މޫދަށް ބާރު ސްޕީޑުގައި ފެން ހިނދޭނެ ގޮތަކަށް ގާއިމްކުރެވިފައިވާ ޕަންޕް ސްޓޭޝަންތައް ބޭނުންކޮށްގެން. ހަލާކުވެފައި ހުރި ޕަންޕުތައް ހަދައިގެން. އިތުރު ހޮޅިތައް އަޅައިގެން ފެން ހިންދުމުގެ ކަންތައް ހަރުދަނާ ކުރުން،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް އަންނާނީ މާލޭގެ މަގުތައް އަޕްގްރޭޑްކޮށްގެން ކަމަށެވެ.
"އިންޓަނޭޝަނަލް ބިޑިންއަށް ހުޅުވާލެވިގެން މިހާރު ކުރިއަށްދަނީ ކޮންސަލްޓަންޓް ހޮވުމުގެ މަސައްކަތް. ޕްރީ ބިޑް މީޓިންގައި 11 ފަރާތަކުން ބައިވެރިވެފައިވާ. ޑިސެމްބަރު ތިނެއްގައި ބިޑް ހުށަހަޅާނެ. އެއަށްފަހު ހުށަހަޅާ އެންމެ ރަނގަޅު ޕްރޮޕޯސަލްއަކަށް މަސައްކަތް ފެށިގެންދާނެ،" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، މާލޭ މަގުތައް އަލުން ހެދުމުގެ މަސައްކަތުގެ ދަށުން އަޑިކޮށް ހުރި މަގުތައް، ލެވެލް ކުރުމުގެ މަސައްކަތް ކުރިއަށް ގޮސް ބައެއް މަގުތަކުގައި ތާރު އެޅިގެންދާނެ ކަމަށެވެ.