ޕީޕީއެމް ސަރުކާރުގެ ފުރަތަމަ އަހަރު ދުވަސް ތެރޭ ސިއްހީ ދާއިރާގައި ވަޒީފާ އަދާ ކުރާ ބިދޭސީން މަދުކުރުމަށް 300 އަށް ވުރެ ގިނަ ދިވެހި މުވައްޒަފުން ސިއްހީ ހިދުމަތަށް ނެރެފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޕީޕީއެމް ސަރުކާރުގެ އަހަރު ދުވަސް ތެރޭ ސިއްހީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާ ބެހޭ ގޮތުން ވެލާނާގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާގައި 1722 ބިދޭސީ މަސައްކަތް ކުރަމުންދާ ކަމަށާއި އެ ދާއިރާގައި ވަޒީފާ އަދާ ކުރާ ބިދޭސީން މަދުކުރުމަށްޓަކައި 311 ދިވެހިނަށް އެ ދާއިރާއިން ވަޒީފާ ދީފައިވާނެ ކަމަށެވެ. އެއީ 277 ދިވެހި ނަރުހުންނާއި 13 ދިވެހި މެޑިކަލް އޮފިސަރުނާއި ދިވެހި ތިން ސްޕެޝަލިސްްޓް ޑޮކްޓަރުންނާއި 18 ދިވެހި ލެބޯޓްރީ ޓެކޮނޮލަޖިސްޓުންނެވެ.

އަތޮޅު ތެރޭގެ ހިދުމަތަށް ބޭނުންވާ ޑޮކްޓަރުން ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން 212 ޑޮކްޓަރުން ރެކްރޫޓް ކޮށްފައިވާނެ ކަމަށް ވެސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 7090 މުވައްޒަފުން ތިބި އިރު، އަތޮޅުތެރޭގެ ހިދުމަތުގައި މިވަގުތު 284 މެޑިކަލް އޮފިސަރުންނާއި 82 ސްޕެޝަލިސްޓުން އެބަ ތިބި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ ހެލްތު މިނިސްޓްރީގެ ފަރާތުން މެޑިސިން އަދި ސްޕެޝަލިސްޓް ކޯސްތައް ހެދުމަށް ރާއްޖޭން ބޭރުގައި މިހާރު ވެސް 48 ފަރާތެއް ތަމްރީނު ހޯދަމުންދާ ކަމަށެވެ. އޭގެތެރޭގައި އެމްބީބީއެސް ކޯސް ފުރިހަމަ ކުރަމުން އަންނަ 12 ފަރާތެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ސްޕެޝަލިސްޓު ޑޮކްޓަރުންގެ ހިދުމަތް މެދުކެނޑުމަށް ދިމާވާ ހާލަތްތަކުގައި އެކަން ހައްލު ކުރުމަށް ލޯކަލް ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށްފައިވާނެ ކަމަށެވެ.