10 Nov 2014, 18:54
މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށްފަހު، މާލޭ ސިޓީ ކައުންސިލާ މަގުތައް ހަވާލުކުރާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށްދިނުމަށްޓަކާ ކާނުތައް ސާފުކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ދިރާގު ހެޑް އޮފީސް ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައި ކުރިން ހުރި މާލޭ މަގުތައް ސަރުކާރަށް ނެގީ ވަގުތީ ގޮތުން ކަމަށެވެ.
"ވަގުތީ ގޮތުން މާލޭގެ މަގުތައް ސަރުކާރަށް ނެގުމަކީ ތާއަބަދަށް ސަރުކާރުން ކުރާނެ ކަމެއް ނޫން. ސަރުކާރުގެ ވިސްނުމަކީ މަގުތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްފަހު އަނބުރާ ސިޓީ ކައުންސިލާ ހަވާލުކުރުން،" ހެލްތު މިނިސްޓްރީ ވެސް ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ނާޒިމް ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން ދިޔަ މާލޭ މަގުތައް ސަރުކާރަށް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ކައުންސިލްތަކާ ހަވާލުކޮށްފައިވާ ޒިންމާތައް އަދާނުކުރެވޭނަމަ އެކަންތައް ސަރުކާރުން ކޮށްދޭން މަޖުބޫރުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ހެޔޮ ނިޔަތުގައި ކުރާ ކަމެއް ކަމަށް ބަލައިގަތުމަށް މާލޭ ސިޓީ ކައުންސިލަށް މިނިސްޓަރު ގޮވާލެއްވި އެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް މަގުތަކުގެ ކާނުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކޮށްފައި ވަނީ މިއަދު އެވެ. އެ އެއްބަސްވުމުގެ ދަށުން އެންމެ ބޮޑަށް ފެންބޮޑުވާ މަގުތަކަށް އިސްކަންދީގެން ކާނުތައް ސާފުކުރުމަށާއި ފެން ދައުރު ކުރާ ހޮޅިތައް މަރާމާތުކޮށް ސާފުކުރުމަށް ހަމަޖެހިފައިވެ އެވެ.