10 Nov 2014, 18:37
ރިސޯޓްތައް މަރާމާތު ކުރުމަށްޓަކައި ގެންނަ ތަކެތިން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އިމްޕޯޓް ޑިއުޓީ ނުނެގުމަށް ސަރުކާރުން ނިންމައިފި އެވެ.
އިކޮނޮމިކް ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ގިނަ ރިސޯޓްތައް މާކެޓަށް ނެރުން ކަމަށާއި އަންނަ ޑިސެމްބަރު މަހުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށް ރިސޯޓްތައް މަރާމާތު ކުރުމަށް ގެންނަ ތަކެތިން ޑިއުޓީ ނުނެގުމަށް ނިންމާފައިވާ ކަމަށެވެ.
"ނެހެދިފައި ހުރި ރިސޯޓްތަކާއި އަލަށް ހަދާ ރިސޯޓްތަކާއި އަދި ހަމަ އެހެންމެ މިހާރު އޮޕަރޭޓިން ރިސޯޓްތަކަށް ރީ ފާބިޝްކުރެވެން ގެނެވޭތަކެތިން ޑިއުޓީ މާފު ކުރުން، އެއީ ކޮންސްޓުރަކްޝަން ބޫސްޓު ކުރުމަށްޓަކައި" މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަކެތިން އިމްޕޯޓް މާފު ކުރުމުން ރިސޯޓްތަކުގެ ތަރައްގީ އަވަސްވެ އެ ރިސޯޓްތައް ހުޅުވުމުގެ ސަބަބުން ރާއްޖެ އަށް އިތުރު ޓެކްސްތަކެއް ލިބިގެންދާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މަރާމާތައް ގެންނަ މުދަލުން ޑިއުޓީ ނުނެގުމަކީ ކުދި އަދި މެދުފަންތީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ބޮޑެތި ލަގްޒަރީ ރިސޯޓްތަކަށް ވެސް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށެވެ.
މިނިސްޓަރު އަދީބު ވިދާޅުވީ ޓީޖީއެސްޓީ 12 ޕަސެންޓަށް ވުރެ، ބޮޑު ނުކުރާނެ ކަމަށާއި އަންނަ އަހަރު 10 ޕަސެންޓްގެ ގޮތުގައި ނަގަން ކުރިން ނިންމި ގުރީން ޓެކްސް ދެން ނަގާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހަ ޑޮލަރުގެ ރޭޓުން ކަމަށެވެ. ގުރީން ޓެކްސް ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ނުނަގާނެ ކަމަށް ވެސް މިނިސްޓަރު އަދީބް ވިދާޅުވި އެވެ.
އަދީބް ވިދާޅުވީ ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ބޭނުން ކުރާނީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ގެނައުމަށާއި ތިލަފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަތަކަށް ހައްލެއް ގެނައުމަށް ކަމަށެވެ.
ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު ވިދާޅުވި ގޮތުގައި ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނައުމަށްޓަކައި ބޭރުގެ އެހީތައް ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާ ކަމަށާއި އެގޮތުން ބުރިޖުގެ މަޝްރޫއަށާއި އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީގެ މަސައްކަތްތަކަށް އެހީ ލިބިގެން ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.